ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ ހައުސިން މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމައި، އެފަދަ މައްސަލަތައް ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ފޮނުވަން ނިންމައިފިއެވެ.

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި ޢަމަލުކުރުމަށްޓަކައި މީގެ ފަހުން އެ މައްސަލަތައް ފޮނުވާނީ އޮފީސް ފޯ ސިވިލް ރައިޓްސް އަށެވެ. އަދި މިފަދަ ކަންކަމުގައި މިނިސްޓްރީން ދެން އަމަލުކުރާނީ އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Ad
d

ހައުސިންގ މިނިސްޓްރީން މި ނިންމުން ނިންމާފައި މިވަނީ ހުޅުމާލެއިން ކުޑަ އަގެއްގައި މީހަކަށް ބިމެއް ވިއްކަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެން ނެރުނު ނޫސްބަޔާނަކަށް ފަހުގައެވެ. މިނިސްޓްރީން ބުނީ، މިއީ ރައްޔިތުންގެ ހައްގުތަކާ ގުޅުންހުރި ކަމަކަށް ވެފައި، އަމަލުކޮށްފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ވީނަމަވެސް، އުސޫލާ ހިލާފަށް ކަމެއް ކޮށްފައިވޭތޯ ބަލައިދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި އަޙްމަދު ޠަލްޙަތާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނީ އޭސީސީގެ ލަފަޔާއި ގާނޫނީ ލަފާ ހޯދުމަށްފަހު ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، 22 ޑިސެމްބަރ 2003 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގި މޯލްޑިވްސް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ބޯޑުން ހުޅުމާލެ ކޮމާޝަލް ބިމުގެ ސްކީމުގެ ތެރެއިން ހުޅުމާލެ ފޭސް 1 އިން އަޙްމަދު ޠަލްޙަތަށް ބިން ދިނުމަށް ނިންމިއެވެ. އެ ސްކީމުން 940 އަކަފޫޓުގެ ބިމެއް ދޭން ކަނޑައެޅި ނަމަވެސް، 24 ޑިސެމްބަރ 2003 ގައި މިނިސްޓްރީން ދޫކުރި ލިޔުމުން 966 އަކަފޫޓުގެ ބިމެއް ވަނީ ރަޖިސްޓްރީކޮށްދީފައެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި ތަކުރާރުކޮށް އެދިގެންވެސް މިއަދާ ހަމައަށް އެ ބިން އޭނާއަށް ހަވާލުކޮށްފައެއް ނުވެއެވެ.

Ad
df

ވޭތުވެދިޔަ 21 އަހަރުވީ މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށާއި އިންސާފު ހޯދައިދިނުމަށްޓަކައި، ޠަލްޙަތުގެ ދިރިއުޅުމުގެ ހާލަތަށް ބަލައި މި ސަރުކާރުން ބިމެއް ދޭން ނިންމީ ކުރީ ސަރުކާރުގެ "ބިންވެރިޔާ ސްކީމު" ގެ ދަށުން ޝަރުތު ހަމަނުވާ ފަރާތެއްގެ އެއްބަސްވުން ބާތިލުވުމުން ހުސްވި ބިމެކެވެ. މި ބިން ދޭން ނިންމާފައިވަނީ ކުރިން އެފަރާތަށް ލިބިފައިވާ ޕްލޮޓް ފަދައިން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.