އިމިގްރޭޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އިންސްޕެކްޓް ކުރެވުނު އެއް ސްޕާގެ ލޮބީ ސަރަހައްދުގެ ފާރުގައި ޝަހާދަތުގެ ދެކަލިމަ ހަރުކޮށްފައިވެއެވެ. އަދި އެ ފާރުގެ ތިރީގައި، ދައުލަތުގެ އެކި މުވައްސަސާތަކުން އެ ސްޕާ ހިންގުމަށާއި ޚިދުމަތްތައް ދިނުމަށް ބިސްމީގެ ބަރަކާތުން ދޫކޮށްފައިވާ ހުއްދަތަކާއި، ޚިދުމަތްތަކުގެ އަގުތަކުގެ އިތުރުން ގައިގެ އެކި ގުނަވަންތަކާ ބެހޭ މަޢުލޫމާތު ހިމެނޭ ފޮޓޯއެއްވެސް ހަރުކޮށްފައި ހުއްޓެވެ.
އޭގެ އިތުރުން، އެތަނުގެ ޖެހިގެން ހުރި ކަބަޑުގައި މަސާޖު ކުރުމަށާއި ތެޔޮ ދަމަން ގެންގުޅޭ އެކި ބާވަތްތަކުގެ ތެލާއި އާލަތްތައް އަތުރާފައި ހުރިއިރު، ކެމެރާއެއްވެސް ހަރުކޮށްފައިވާ ތަން ފޮޓޯތަކުން ފެނެއެވެ. ސެލޫންގެ ލޮބީ ތެރޭގައި އިމިގްރޭޝަނުގެ މުވައްޒަފުން، އެތަނުގައި ޚިދުމަތް ދިނުމަށް ތިބި ބަޔަކާ ސުވާލުކޮށް މަޢުލޫމާތު ސާފުކުރަމުންދިޔަ މަންޒަރުވެސް އާންމުކުރި ފޮޓޯތަކުން ހާމަވެއެވެ.

ސްޕާ އާއި ސެލޫންތަކުގެ ނަމުގައި ހިންގާ މިފަދަ ތަންތަނަކީ މީގެ ކުރިންވެސް ހަށިވިއްކުމާއި ބަދުއަޙްލާޤީ ނޭދެވޭ އެތައް ކަމެއް ކުރަމުންދަނިކޮށް ރެއިޑްކޮށްފައިވާ ތަންތަނެވެ. އެގޮތުން، ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހިންނާއި ތައިލެންޑް އަދި އަވައްޓެރި ގައުމުތަކުގެ މީހުން މިފަދަ ސްޕާތަކުން ހައްޔަރުކޮށް ޑީޕޯޓުވެސް ކޮށްފައިވެއެވެ.
ހުޅުމާލޭގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ޚާއްޞަކޮށްގެން އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އިއްޔެ ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގައި، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ހަތް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނަކީ ހުޅުމާލޭގައި ސެލޫން އަދި ސްޕާގެ ނަމުގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްދިޔަ ހަރަކާތެކެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އިއްޔެގެ ވަގުތެއްގައި ކުރިއަށްގެންދިޔަ މި އިންސްޕެކްޝަނުގެ ތެރޭގައި ހުޅުމާލޭގައި ހިންގާ ޖުމްލަ އަށް ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކުރެވުނުއިރު، 19 މީހަކު ގަވާއިދުން ޚިދުމަތް ދިނުމުގައި އުޅޭކަން ފާހަގަކުރެވުނު ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ގަވާއިދާ ޚިލާފަށް އުޅޭ އަދި ވިޔަފާރިކުރާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަނީ އިތުރަށް ވަރުގަދަކުރަމުންނެވެ. ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ވިޔަފާރިތަކުގައާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ދައުލަތުން ކުރަމުންދާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅުނު އަދި ޖިނާއީ ކުށްތަކުގައި ބައިވެރިވި 10,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!