އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ހުއްދައެއް ނެތި ސިއްރު މައުލޫމާތުތަކެއް လީކުކޮށްލި މައްސަލައިގެ ތަހުގީގަށް، އެމެރިކާގެ ޕެންޓަގަންއިން އެ ގައުމުގެ އަސްކަރިއްޔާގެ އިސް 50 އަށްވުރެ ގިނަ އޮފިޝަލުންނާއި ސިވިލިއަން މުވައްޒަފުން "ޕޮލިގްރާފް" ނުވަތަ ތެދުބުނޭތޯ ބަލާ މެޝިނަށް އަރުވައިފިއެވެ. މި އިގްޒާމިނޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ޖޮއިންޓް ސްޓާފްގެ ތެރޭގައެވެ.
މި ތަހުގީގު އަމާޒުކޮށްފައިވަނީ ނޫސްމީޑިއާތަކުގައި ޝާއިޢުކުރި ނާޒުކު ރިޕޯޓްތަކަކަށެވެ. އެ ރިޕޯޓްތަކުގައި އެމެރިކާގެ އަސްކަރީ އާލާތްތަކާއި ވަޒަނުގެ ދަތިކަމާއި، ހާއްސަކޮށް ދުރުރާސްތާ މިސައިލްތަކާއި ޕެޓްރިއޮޓް އިންޓަސެޕްޓަރުތައް ވަރަށް ބޮޑަށް ދަތިވެ، އެ ތަކެތި ކޮންޓްރޯލްކޮށްގެން ބޭނުންކުރަން ޖެހިފައިވާ ކަން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން، އީރާނުގައި ކުރިއަށްދާ ދިގުލީ އޮޕަރޭޝަންތައް ކުރިއަށް ގެންދެވިދާނެކާމެދު އިސް ކޮމާންޑަރުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައްވެސް މީޑިއާއަށް ވަނީ ތިލަވެފައެވެ.
މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ކުރިއަށްގެންދިޔަ މި ޕޮލިގްރާފް ޓެސްޓުތައް ކުރިއަށްގެންގޮސްފައިވަނީ އެފްބީއައިއިންނެއް ނޫނެވެ. އެއީ އަސްކަރިއްޔާގެ އެތެރޭގެ ތަހުގީގުކުރާ ފަރާތްތަކުންނެވެ. މި ތަހުގީގު ހާއްސަކޮށް އަމާޒުކުރީ ރައްކާކުރެވިފައިވާ ހަތިޔާރުގެ ތަފްސީލީ މައުލޫމާތު ބެލުމުގެ ހުއްދަ އޮންނަ ޖޮއިންޓް ސްޓާފްގެ މުވައްޒަފުންނަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޓެސްޓުތަކުން އެއްވެސް އޮފިޝަލަކު ފެއިލްވެފައެއް ނުވެއެވެ. ނަމަވެސް، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކެއިން ވަނީ މި ޓެސްޓުތަކުން އިސްތިސްނާކޮށްފައެވެ.
ދިފާއީ ދާއިރާގެ ހަބީރުންނާއި އަސްކަރިއްޔާގެ ކުރީގެ އިސް އޮފިޝަލުން ސިފަކުރައްވާ ގޮތުގައި، އިސް އޮފިޝަލުންނާއި މުވައްޒަފުން މިގޮތަށް ގޭންގުކޮށް ޕޮލިގްރާފް ޓެސްޓުތަކަށް އެރުވުމަކީ އެމެރިކާގެ ޒަމާނީ އަސްކަރީ ތާރީހުގައި މީގެ ކުރިން ހިނގާފައިވާ ކަމެއް ނޫނެވެ. މިއީ ހަމައެކަނި މައުލޫމާތު ލީކުވި ގޮތް ހޯދުމަށް ކުރެވުނު ކަމެއްގެ އިތުރުން، ކުރިއަށްއޮތް ތަނުގައި ސިއްރު މައުލޫމާތުތައް ހާމަކުރުމުން މީހުން ދުރުހެލިކުރުވުމުގެ މަގުސަދުގައި ކުރި ކަމެއް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވަނީ ސިއްރު މައުލޫމާތުތައް ލީކުކުރާ ފަރާތްތައް ހޯދުމުގެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރިއަށްގެންދިއުމަށް ބާރުއަޅުއްވާފައެވެ.
މިގޮތުން، ހުއްދައެއް ނެތި އަސްކަރީ ސިއްރުތައް ހާމަކުރާ ފަރާތްތައް ތަހުގީގުކޮށް، އެފަރާތްތަކަށް ދައުވާކުރުމަށްޓަކައި ޕެންޓަގަންއިން ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާއެކު ގުޅިގެން ހާއްސަ ޖޮއިންޓް ޓާސްކް ފޯސްއެއް އުފައްދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!