ދުނިޔޭގެ މަސްރަޙުގައި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވަމުންދާތީ، އެމެރިކާއާއި ކެނެޑާގައި ހުރި ނެދަލޭންޑްސްގެ ބިލިއަން ޑޮލަރުގެ ރަން ސިއްރު އޮޕަރޭޝަނެއްގައި އިނގިރޭސިވިލާތުގެ ލަންޑަނަށް ބަދަލުކޮށްފިއެވެ.
ނެދަލޭންޑްސްގެ މަރުކަޒީ ބޭންކު (ޑީއެންބީ) އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، އުތުރު އެމެރިކާގެ ގައުމުތަކުގައި ހުރި 86 ޓަނުގެ ރަން ވަނީ އިނގިރޭސިވިލާތުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލޭންޑަށް ބަދަލުކޮށްފައެވެ.
މި އަހަރުގެ މާޗު މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، ނިއުޔޯކާއި އޮޓާވާގައި ހުރި ރަންބުރިތަކުގެ ތެރެއިން 27 ޓަނުގެ ރަން ވަނީ ފުރަތަމަ ނެދަލޭންޑްސްގެ ޒީސްޓަށް ގެންގޮސްފައެވެ. އަދި އެއަށްފަހު އެ ރަންބުރިތައް ވިރުވައިނުލައި، އެއާ އެއް ފެންވަރެއްގެ ރަންބުރިތަކެއްގެ ގޮތުގައި ލަންޑަނަށް ބަދަލުކުރިއެވެ. އެޓްލާންޓިކް ކަނޑު ހުރަސްކޮށް މިހާ ގިނަ އަދަދެއްގެ ރަން އުފުލިގޮތުގެ ތަފްސީލު ބޭންކުން ހާމަކޮށްފައެއް ނުވެއެވެ. ބާކީ ހުރި ރަން ބަދަލުކޮށްފައިވަނީ ނިއުޔޯކުގައި ހުރި ރަން ވިއްކާލުމަށްފަހު، ލަންޑަނުން އަލުން ރަން ގަނެގެންނެވެ.
ޑީއެންބީން ބުނި ގޮތުގައި، ރަން ވިއްކުމާއި ގަތުމުގެ އިތުރުން އަމަލީ ގޮތުން ރަން އުފުލުމުގެ މަރުހަލާތައް އެއްކޮށްލުމުން، މިފަދަ ނާޒުކު އޮޕަރޭޝަނެއްގައި ދިމާވެދާނެ ނުރައްކާތައް ކުޑަކުރެވުނެވެ. މަރުކަޒީ ބޭންކުގެ ރައީސް އޯލާފް ސްލެއިޕެން ވިދާޅުވީ، މި ނިންމުމަކީ ގައުމުގެ މާލީ ރައްކާތެރިކަމާއި ކުއްލި ހާލަތްތަކަށް ތައްޔާރުވެތިބުމުގެ ގާބިލުކަން ވަރުގަދަކުރުމަށްޓަކައި ކޮންމެހެން ނިންމަންޖެހުނު ނިންމުމެއް ކަމަށެވެ. އަދި ބޭންކް އޮފް އިންގްލޭންޑްގައި ރަން ބެހެއްޓުމުން، ކުއްލި ހާލަތެއްގައި އެ ރަން ފަސޭހައިން ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބަދަލާއެކު، ނެދަލޭންޑްސްގެ ރަން ރިޒާވް އެކި ގައުމުތަކުގައި ބެހެއްޓިފައިވާ ނިސްބަތަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން، ކުރިން އެމެރިކާގެ ނިއުޔޯކުގައި 31.3 އިންސައްތަ އަދި ކެނެޑާގެ އޮޓާވާގައި 19.7 އިންސައްތަ ރަން ހުރި ނަމަވެސް، މިހާރު އެ ދެ ގައުމުގައި ހުރި ރަނުގެ ނިސްބަތް ވަނީ 18.5 އިންސައްތައަށް ދަށްވެފައެވެ. އަދި ލަންޑަނުގައި ހުރި ރަނުގެ ނިސްބަތް 18.1 އިންސައްތައިން 32.1 އިންސައްތައަށް އުފުލިފައިވާއިރު، ނެދަލޭންޑްސްގެ އަމިއްލަ ގައުމުގައި ރިޒާވްގެ 30.8 އިންސައްތަ ރަން އަދިވެސް އެބަހުއްޓެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ނެދަލޭންޑްސްގެ ޖުމްލަ ރަނުގެ ރިޒާވްގައި 612.4 ޓަނު ހުރިއިރު، މިއީ 72.2 ބިލިއަން ޔޫރޯގެ އަގުހުރި ރަނެވެ.
ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ތަފްސީލު މަރުކަޒީ ބޭންކުން ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، އެމެރިކާއިން އިރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުތަކެއްކޮށް، ދުނިޔޭގެ ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
މީގެއިތުރުން، އެމެރިކާއާއި ކެނެޑާއާ ދެމެދު ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން ދެގައުމުގެ ދެމެދުގައި ވަނީ ވިޔަފާރީގެ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން ކެނެޑާގެ ދަގަނޑާއި، އެލުމިނިއަމް، ލަކުޑި އަދި އުޅަނދުފަހަރު އުފައްދާ ސިނާއަތްތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑެތި ޓެކްސްތަކެއް ނަގަން ފަށާފައިވެއެވެ. އަދި އޮގަސްޓު މަހު އެމެރިކާއިން ވަނީ ކެނެޑާގެ 28 ބިލިއަން ކެނެޑިއަން ޑޮލަރު (20 ބިލިއަން އެމެރިކާ ޑޮލަރު) ގެ މުދަލުން އިތުރު 50 އިންސައްތައިގެ ޓެރިފެއް ނަގާނެކަން އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!