އިސްލާމްދީނަކީ ދުނިޔޭގައިވާ އެންމެ މަތިވެރި އަދި ސައިންޓިފިކް ދީން ކަމަށް އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ބަސަވަރާޖް ރާޔަރެއްޑީ ވިދާޅުވެއްޖެއެވެ.

ކޮއްޕަލް ޑިސްޓްރިކްޓްގެ ކުކްނޫރުގައި މުސްލިމް މުޖުތަމައުން އިންތިޒާމުކޮށްގެން ބޭއްވި އެއްފަހަރާ ގިނަ ބަޔަކު ކައިވެނިކުރުމުގެ ހަފްލާއެއްގައި ވާހަކަދައްކަވަމުން އިންޑިއާގެ ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ މިނިސްޓަރު ވިދާޅުވީ، އިސްލާމްދީނަކީ އިންސާނިއްޔަތުކަމުން ފުރިގެންވާ، އަދި މުޖުތަމައުގައި މީހުން ދިރިއުޅެންވީ ގޮތް އުނގަންނައިދޭ ދީނެއް ކަމަށެވެ. އަދި އެ ދީނާ މެދު ނުރަނގަޅު ވިސްނުންތަކާއި ކުށްހީތައް ފަތުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad
rt

މީގެއިތުރުން، މުސްލިމް ނޫން ފަރާތްތަކަށް ހައްޖަށް ދިއުމުގައި އޮންނަ އުސޫލުތައް އެނގިވަޑައިގަންނަވާ ހާލުވެސް، މަދުވެގެން އެއްފަހަރު ނަމަވެސް ހައްޖުގެ މާތް އަޅުކަން އަދާކުރުމަކީ އޭނާގެ އަމިއްލަ އެދުމެއް ކަމަށް ރާޔަރެއްޑީ ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާނަކީ ހަމައެކަނި މުސްލިމުންނަށް ޚާއްސަ ފޮތެއް ނޫން ކަމަށާއި ކޮންމެ މީހަކަށްވެސް އެ ފޮތް ދިރާސާކުރެވިދާނެ ކަމަށް ވިދާޅުވަމުން، އެ ފޮތް ދަސްކުރުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.

އިދިކޮޅު ބީޖޭޕީގެ ފާޑުކިޔުންތައް

ރާޔަރެއްޑީގެ މި ވާހަކަތަކާ ގުޅިގެން އިދިކޮޅު ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެ ޕާޓީން ތުހުމަތުކުރި ގޮތުގައި މިއީ ހިންދޫ ދީނާ އިދިކޮޅު އަދި ވަކި ބަޔަކު ރުއްސުމަށް ދެއްކެވި ވާހަކަތަކެކެވެ. ބީޖޭޕީގެ އިސް ލީޑަރުން ވަނީ މިނިސްޓަރު މާފަށް އެދުމަށާއި ނުވަތަ ކެބިނެޓުން އޭނާ ވަކިކުރުމަށް ގޮވާލައިފައެވެ.

މިނިސްޓަރުގެ ރައްދު

ފާޑުކިޔުންތަކާ ގުޅިގެން މިނިސްޓަރު ރާޔަރެއްޑީ ފަހުން ވަނީ އޭނާގެ ވާހަކަތައް އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެހެން އެއްވެސް ދީނަކީ ދަށް ދީނެއް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި، ހުރިހާ ދީންތަކަކީވެސް މާތް ދީންތަކެއް ކަމަށެވެ. އަދި އެ އިވެންޓާ ގުޅުވައިގެން ފާހަގަކުރެއްވީ އިސްލާމްދީނުގެ ރަނގަޅު ސިފަތައް ކަމަށާއި ހުރިހާ ދީނަކަށްވެސް އޭނާ އިހުތިރާމްކުރައްވާ ކަމަށް ވިދާޅުވިއެވެ.