އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް" (އޭޕީވީއޭއެކްސް) ގެ ދަށުން އިމާރާތްކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ މިއަދު އަޅައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން އިންތިޒާމުކުރި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީއެވެ.
އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ރައްކާތެރިކަމާއި، ހިންގުންތެރިކަމުގެ އިތުރުން ދެމެހެއްޓެނިވިކަމަށްޓަކައި ކުރެވޭ ދުރުރާސްތާގެ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ފެސިލިޓީ ޤާއިމުކުރުމާއެކު ރާއްޖޭގައި ވެކްސިން ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން، ވެކްސިނާއި، ބޭހާއި، ސިއްހީ ވަސީލަތްތަކުގެ އިތުރުން ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު އެއްތަނެއްގައި ރައްކާކުރެވޭނެ ހާއްސަ އިންތިޒާމެއް މި ފެސިލިޓީ މެދުވެރިކޮށް ހަމަޖެހިގެންދާނެއެވެ.
މި އިމާރާތުގެ ސަބަބުން ސިއްހީ ތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު ކުރިއަށްވުރެ ވަރުގަދަވެގެންދާނެއެވެ. އަދި އާންމު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ކުރިމަތިވެދާނެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ފުރިހަމައަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މިއީ ހަމައެކަނި ތަކެތި ރައްކާކުރާ ތަނެއްގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިދާރީ އޮފީހުގެ ގޮތުގައިވެސް ބޭނުންކުރެވޭނެ އިމާރާތެކެވެ. މީގެއިތުރުން، މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތަކުގެ އިތުރުން މިނިސްޓްރީގެ އެހެނިހެން މުހިންމު ޓެކްނިކަލް ޑިވިޝަންތައް ހިމެނޭހެން، އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މި އިމާރާތް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައިކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މި ފެސިލިޓީގެ ސަބަބުން ބޭހާއި، ވެކްސިން، މެޑިކަލް އިކުއިޕްމަންޓް އަދި ސިއްހީ އާލާތްތައް ރައްކާކުރުމަށް ހާއްސަ ޖާގައެއް ލިބިގެންދާނެއެވެ. މިއާއެކު، ކުއްޔަށް ނަގާފައިވާ ތަންތަނަށް މިނިސްޓްރީން ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ. އަދި މަސައްކަތުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދިގު މުއްދަތުގައި ދައުލަތުން ކުރަންޖެހޭ ހަރަދުތައް ކުޑަކުރެވިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!