ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް، ޑރ. އަޙްމަދު ރިޔާޒް އައްޔަނުކޮށްފިއެވެ.

މާލީ ވުޒާރާއިން ބުނިގޮތުގައި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން މި މަޤާމަށް އޭނާ އައްޔަނުކޮށްފައި ވަނީ 23 އޯގަސްޓް 2026 އިން ފެށިގެންނެވެ.

Ad
d

މި ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވީ 21 އޯގަސްޓް 2021 ގައެވެ. އެ މަޤާމަށް އޭރު އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޢާއިޝަތު ޙަސަނެވެ.

އޭނާގެ މަގާމުގެ މުއްދަތު ހަމަވާދީ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ދެވަނަ ފުރުސަތެއްދީ ފަހު ފުރުސަތު ހުޅުވާލީ މިދިޔަ އޯގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޢައްޔަނުކުރުމާއި ވިދިގެން އަހްމަދު ރިޔާޒް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ތަފާސްހިސާބުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޓީމާއި، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އަދި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ދާއިރާއާއި، ތަރައްޤީގެ ބައިވެރިންނާއި، މިކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކާ ގުޅިގެން ގާތުން މަސައްކަތްކުރަށްވާނެކަމަށް ވިދާޅުވެފައެވެ.

''ހަރުދަނާ ނިންމުންތައް ނިންމުމަށާއި، ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމަށާއި، ދެމެހެއްޓެނިވި ޤައުމީ ތަރައްޤީއަށްޓަކައި އިތުބާރުހުރި، ވަގުތުން ވަގުތަށް ލިބޭ، އަދި ފެންވަރު ރަނގަޅު ތަފާސްހިސާބު ކޮންމެހެން މުހިންމު، ފަންނީ ޤާބިލުކަމާއި، އަމާނާތްތެރިކަމާއި، އަދި އިޚްލާޞްތެރިކަމާއެކު މި މަސައްކަތްތަކުގައި ޚިދުމަތްކުރުމަށް އަޅުގަނޑު އަޒުމް ކަނޑައަޅަން'' އޭނާ ލިޔުއްވާފައެއެވެ.

މާ ބޮޑަށް ހަރުދަނާ، ޙާލަތްތަކަށް އިޖާބަދޭ، އަދި ތަފާސްހިސާބާއި މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެކުގައި ކުރާ މަސައްކަތުގައި، ގުޅުންހުރި މުއައްސަސާތަކުން މެދުކެނޑުމެއްނެތް އެއްބާރުލުމާއި ބައިވެރިވުމަށް އެދޭކަމަށް އޭނާ ވިދާޅުވެފަވެއެވެ.

ޑރ. އަހްމަދު ރިޔާޒަކީ ކުރިން ތައުލީމީ ދާއިރާއިން ފެނުނު މޫނެކެވެ.

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު" ގެ ދަށުން އައްޔަން ކުރަންޖެހޭ މަޤާމެކެވެ. މި ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެންމެ އިސްވެރިއަކީ ޗީފް ސްޓެޓިސްޓީޝަނެވެ. މީގެ އިތުރުން، ބިއުރޯއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީވެސް މި މަޤާމަށް އައްޔަންކުރެވޭ ބޭފުޅެކެވެ.

Ad
df

ރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނަކީ ރާއްޖޭގެ ތަފާސްހިސާބާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާފައިވާ ޤާނޫނެކެވެ.