ށ. ފޭދޫގައި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ.

ފޭދޫ ސިއްހީ މަރުކަޒުން ނެރެފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު އެ މަރުކަޒަށް ފަރުވާ ހޯދުމަށް ދައްކާ ބަލިމީހުންގެ ރެކޯޑްތަކަށް ބަލާއިރު، އަރިދަފުސް ރޯގާ ޖެހިގެން ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އަރިދަފުސް ރޯގާއަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، ބަލިޖެހިފައިވާ ކުދިން ސްކޫލަށް އަދި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުފޮނުވުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.

Ad
rt

ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް

މި ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހީ މަރުކަޒުން ވަނީ ގިނަ އިރުޝާދުތަކެއް ދީފައެވެ. އޭގެ ތެރޭގައި:

- ގެއިން ބޭރަށް ނިކުންނަ ނަމަ މާސްކު އެޅުން
- ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ކުޑަ ރުމާލެއް ނުވަތަ ޓިޝޫފަދަ އެއްޗެއް ބޭނުންކޮށްގެން ނިވާކުރުން
- ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލައިނުލުން
- އާންމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ގާތަށް ނުދިއުމާއި އުރާ ނުހެދުން
- ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި އަރާމު ކުރުން

ސިއްހީ މަރުކަޒުން ފާހަގަކުރި ގޮތުގައި މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރިވެ، ފަރުވާތެރިކަމާއެކު އަމަލުކޮށްފިނަމަ ރަށުގެ ސިއްހީ ހާލަތު އަވަހަށް ރަނގަޅުވެގެންދާނެއެވެ.