ދިވެހިރާއްޖޭގައި އެންމެ ޒަމާނީ ފެންވަރުގެ އިންޖިނިއަރިންގ ލެބޯޓްރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި ވިދާޅުވީ، ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ މި ޒަމާނީ އިންޖިނިއަރިންގ ލެބޯޓަރީ ޢިމާރާތަކީ، އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބޭނެގޮތަށް ފަރުމާކުރެވޭނެ ތަނެއް ކަމަށެވެ. އެގޮތުން މި ލެބޯޓަރީގައި ސިވިލް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، އިލެކްޓްރޯނިކް އިންޖިނިއަރިންގ އަދި ސޮފްޓްވެއަރ އިންޖިނިއަރިންގ ފަދަ މުހިންމު ދާއިރާތައް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އެއަރކްރާފްޓް އިންޖިނިއަރިންގ، އެއިރޮނޮޓިކަލް އިންޖިނިއަރިންގ، ރޮބޮޓިކްސްއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑިޖިޓަލް އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތްތައް ފުރިހަމައަށް މި ލެބޯޓްރީގައި ޤާއިމުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި ޢިމާރާތް ބިނާކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި އެހެނިހެން އިންތިޒާމުތައް ސަރުކާރުން މިހާރު ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން މި ޢިމާރާތް ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސަވާފައިވަނީ ދައުލަތުގެ ބަޖެޓުގައި ނުހިމަނައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަޤްޞަދާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ އިންޖިނިއަރިންގގެ ދާއިރާތަކުން އެކި ކަހަލަ ތަޙްލީލުތައް ކުރުމަށް ބޭނުންވާ ރާއްޖޭގެ ހުރިހާ ދަރިވަރުންގެ އިތުރުން، ރާއްޖެއިން ބޭރުން މިފަދަ ތަޙްލީލުތައް ކުރަން އެދޭ ފަރާތްތަކަށްވެސް ފުރުޞަތު ފަހިވާނެ ފެންވަރުގެ މަތީ ފެންވަރުގެ ލެބޯޓްރީއަކަށް ހެދުމަށް ސަރުކާރުން ގަސްދުކުރައްވާ ތަނެއް ކަމަށެވެ.