ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަރ އޮފީސް ޓޯނަމެންޓް 2026" ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ފަށައިފިއެވެ.

މި މުބާރާތަކީ އެ ރަށުގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

Ad
d

ފުރަތަމަ މެޗުތައް އެއްވަރު

މުބާރާތުގެ ހޭންޑްބޯލް އިވެންޓުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ހެލްތު ސެންޓަރެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމުނީ 4-4 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކައުންސިލް ޓީމުގެ ޖޯޒީ ނަންބަރު 12 ރީޝާއެވެ.

އޭގެއިތުރުން ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ފެނަކަ އަދި އާރްއެފްއެފް ބައްދަލުކުރި މެޗު ވެސް ވަނީ 2-2 އިން އެއްވަރުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އާރްއެފްއެފް ޓީމުގެ ޖޯޒީ ނަންބަރު 99 އަލީ ޝާހެވެ.

ކައުންސިލްގެ ރީޝާ ހެލްތް ސެންޓަރުގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ، ފޮޓޯ: ހަނިމާދޫ ކައުންސިލް

ޖުމްލަ 17 ޓީމެއް ބައިވެރިވި

މި މުބާރާތުގެ ފުޓްސަލް އަދި ހޭންޑްބޯލް އިވެންޓުގައި ޖުމްލަ 17 ޓީމަކުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ފުޓްސަލް ބައިގައި 10 ޓީމު އަދި ހޭންޑްބޯލް ބައިގައި 7 ޓީމު ހިމެނެއެވެ.

ފުޓްސަލް ބައިގައި ވާދަކުރާ ޓީމުތަކަކީ ފެނަކަ، އާރްއެފްއެފް، އެންއޭސީ، އެޗްއައިއޭ އެމްޕީއެސް، އޭވިއޭޝަން އެންޑް ޕޯރޓް ސެކިޔުރިޓީ ކޮމާންޑް، އެޗްސީއެސް، އެޗްސީސީ، ހެލްތު އެންޑް ޕޮލިސް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ގްރައުންޑް އޯޕީއެސް އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮފަރޭޝަންސްއެވެ.

ހޭންޑްބޯލް ބައިގައި ވާދަކުރަނީ ހަނިމާދޫ ކައުންސިލް، ހަނިމާދޫ ހެލްތު ސެންޓަރ، ސީއޭއެމްއެމްޕީ، އެޗްޕީޓީ، ފޯމްސް، ހަނިމާދޫ ސްކޫލް އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހޭންޑްބޯލް ޓީމެވެ.

Ad
df

ހަނިމާދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި މުބާރާތް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވަނީ "ޑްރާފްޓް އެންޑް ކްރާފްޓް" އާއެވެ.