ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށްފަހު ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "އަރާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ހާސިލުކުރައްވަން ބޭނުންފުޅުވި މަގުސަދުތައް ހާސިލުވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކުރެއްވުމަކީ އަދިވެސް ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ނިޒާމުގެ ތެރެއިން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާ ވެރިއަކަށް ރައީސް މުއިއްޒު ވެވަޑައިގަތުމަކީ އެމަނިކުފާނު ދެކޭ ހުވަފެނެއް ކަމަށެވެ. އަދި އެކަން ހާސިލުކުރެއްވުމަށްޓަކައި މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ފުރަތަމަ ދެވަނަ ދައުރެއް މި ނިޒާމުގެ ދަށުން ލިބޭ ވެރިއަކަށް ރައީސް މުއިއްޒު ވެވަޑައިގަތުން އެއީ އަޅުގަނޑު ދެކޭ ހުވަފަނެއް އަދި އެކަން ހާސިލުކުރަން ވެސް ބޭނުން، އެކަމަށްޓަކާ މަސައްކަތް ކުރާނަން ފުރުސަތު ލިބުނު ވަރަކުން. އެ މަސައްކަތުގައި އަޅުގަނޑު ދެމި ހުންނާނަން. އޭގެ ފަހުން ދެން އަޅުގަނޑު ސިޔާސީ ކަންކަމާ ދުރަށް ދާނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަން ކުރެއްވުމުގެ ސިފަތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނަކީ ގައުމީ ވިސްނުމުގެ، އަދި ރައްޔިތުންގެ އަޑު އައްސަވައިގެން ވެރިކަން ކުރައްވާ ވެރިއެއް ކަމަށެވެ. އަދި ރައީސް މުއިއްޒު ގައުމު ހިންގަވަނީ ގައުމުގައި ހުރި ބޮޑެތި ކަންތައްތަކަށް އިސްކަންދެއްވައިގެން ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ސިފަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ވެރިކަން ކުރައްވަނީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލާއި، އިސްލާމްދީނަކީ ވަކި ނުކުރެވޭނެ އެއްޗެއްކަން ދެނެވަޑައިގެން ހުންނަވައިގެންނެވެ. ހަމައެއާއެކު، ޕާޓީ ނިޒާމުގެ ތެރެއިން ގައުމު ހިންގަވާއިރު ޕާޓީ ހަރުދަނާކޮށް ހިންގެވުމަށްވެސް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ވެރިޔެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!