އެމެރިކާގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ނިޔަތެއް، އެމެރިކާގެ ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު، އޮތް ކަމަށް ބުނެ އެންބީސީ ނިއުސްއިން މިފަހުން ވަނީ ރިޕޯޓެއް އާންމުކޮށްފަ އެވެ.

ހުކުރު ދުވަހު އެންބީސީ ނިއުސްއިން، މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ ބެހޭގޮތުން ހެގްސެތު އޭނާގެ އެންމެ ގާތް މީހުންނާއި މަޝްވަރާ ކުރި ކަމަށެވެ.

Ad
rt

އިސްލާމްދީނަށް ނަފުރަތުކުރުމާއި އިސްލާމޯފޯބިއާގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ހެގްސެތު ވަނީ އެއީ މުޅިން ދޮގު ޚަބަރެއް ކަމަށް ބުނެފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ކުރި ޕޯސްޓެއްގައި ހެގްސެތު ބުނީ، އެންބީސީގެ އެ ރިޕޯޓަކީ ސައްތައިން ސައްތަ ދޮގު ވާހަކައެއް ކަމަށެވެ. އަދި އެ ނޫހަށް އެކަން އަންގާފައި ވަނިކޮށް، މަސްދަރު ހާމަނުކުރާ މީހެއްގެ ނަމުގައި އެންބީސީން ހަދަނީ ދޮގު ކަމަށް އޭނާ ބުންޏެވެ. ހެގްސެތު ބުނެފައިވާ ގޮތުގައި އޭނާގެ ހަމައެކަނި މަސައްކަތަކީ "ޑިޕާޓްމަންޓް އޮފް ވޯ ގްރޭޓް އެގެއިން" ނުވަތަ ހަނގުރާމައާ ބެހޭ ވުޒާރާ އަލުން އާރާސްތުކޮށް ވަރުގަދަކުރުމެވެ.

ވޮޝިންގްޓަން ޕޯސްޓުން މަސްދަރުތަކާ ހަވާލާދީ މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރިޕަބްލިކަން ޕާޓީގެ ހަރަދުކުރާ އެހީތެރިންނާއެކު ސިއްރުން ބޭއްވެވި ބައްދަލުވުމެއްގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ނައިބު ރައީސް ޖޭޑީ ވޭންސް ބޭނުންވާކަމަށް ހާމަކޮށްފައެވެ.

ޕެންޓަގަންގެ އިސް މަގާމެއްގައި މިވަގުތު ހުރި ހެގްސެތަކީ، އޭނާގެ ހަށިގަނޑުގައި ޖަހާފައިވާ ބޮޑު ޓޭޓޫތަކާއި، ދުނިޔޭގެ ސިޔާސީ ކޯޅުންތަކަކީ ދީނީ ޞަލީބީ ހަނގުރާމަތަކެއްގެ ގޮތުގައި ސިފަކޮށް ދައްކަވާ ވާހަކަތަކުގެ ސަބަބުން މަޝްހޫރު މީހެކެވެ. އަދި އިސްލާމްދީނަކީ ހުޅަނގުގެ ތަހުޒީބުގެ ތާރީޚީ ދުޝްމަނެއްގެ ގޮތުގައި ސިފަކޮށް އޭނާ ލިޔެފައިވާ ފޮތްތަކުގެ ސަބަބުން، އިސްލާމްދީނާ ދެކޮޅު ޢަދާވާތްތެރިކަމާއި އިސްލާމޯފޯބިއާގެ ބޮޑެތި ތުހުމަތުތަކެއް އޭނާއަށް ވަނީ އަމާޒުވެފައެވެ.

އޭނާގެ އަތުގައި އަރަބި ބަހުން "ކާފިރު" ލިޔެފައިވާ ޓޭޓޫއެއް އިނދެއެވެ. މީގެ އިތުރުން ފުރަތަމަ ޞަލީބީ ހަނގުރާމައިގެ ކިޔަމަންތެރިކަމުގެ ނިޝާނެއް ކަމަށްވާ "Deus Vult" (ލެޓިން ބަހުން: ކަލާނގެ އިރާދަކުރައްވާ ގޮތް) އާއި ޖެރޫސަލަމް ކްރޮސްގެ ޓޭޓޫވެސް އޭނާގެ ހަށިގަނޑުގައިވެއެވެ.

2020 ވަނަ އަހަރު ހެގްސެތު ލިޔުނު "American Crusade" ނަމަކަށް ކިޔާ ފޮތުގައި، އިސްލާމްދީނަކީ ހުޅަނގުގެ ތަހުޒީބަށް އޮތް އަސާސީ އަދި ތާރީޚީ ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި ހުޅަނގުގެ ގައުމުތަކުގައި މުސްލިމުންގެ އާބާދީ އިތުރުވަމުންދިއުމާއި، ސަގާފީ ބަދަލުތައް އަންނަމުންދިއުމާމެދު އޭނާގެ ލިޔުންތަކުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މީގެ އިތުރުން، އޭނާއަކީ ފިރިހެނުންގެ ނުފޫޒުގަދަ ކްރިސްޓިއަން އާއިލީ އޮނިގަނޑުތަކަށް ތާއީދުކުރާ އަދި ކްރިސްޓިއަން ނޫން މީހުން ގައުމަށް އެތެރެވުން ހުރަސްއަޅަން ގޮވާލާ ވިއުގަތަކާ ގުޅުންހުރި މީހެއްކަމަށް ފާޑުކިޔާ ފަރާތްތަކުންނާއި މުޙައްލިލުން ފާހަގަކުރެއެވެ.