ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އުތުރު ސަރަހައްދަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ޝަހީދުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ނާސިރު މެޑިކަލް ކޮމްޕްލެކްސްއާ ހަވާލާދީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިންނެވެ.
މި ނުރައްކާތެރި ހަމަލާ ދީފައި މިވަނީ، ވޭތުވެދިޔަ އަހަރު އެއްބަސްވި "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ" ޚިލާފަށް، އިސްރާއީލުގެ އަސްކަރިއްޔާއިން މުޅި ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ކޮންގްރެސް މުސްލިމް މެންބަރު ރަޝީދާ ތުލައިބު ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އަދި އިސްރާއީލުން އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ހިންގަމުންދަނީ އެމެރިކާގައި އުފައްދާފައިވާ ހަތިޔާރު ބޭނުންކޮށްގެން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
"ނަސްލު ނައްތާލުމުގެ އަމަލުތައް ދުވަހަކުވެސް ނުހުއްޓޭ. އިސްރާއީލުގެ އެޕާތައިޑް ސަރުކާރުން ފަލަސްތީނުގެ ރައްޔިތުން ނައްތާލުމުގެ އަމަލުތައް ހިންގަމުން އެދަނީ 'މޭޑް އިން ދަ ޔޫއެސްއޭ' ޖަހާފައިވާ ބޮންތައް ބޭނުންކޮށްގެން،" ތުލައިބު އެކްސްގައި ލިޔުއްވާފައިވެއެވެ.
މީގެއިތުރުން، އެމެރިކާ ސަރުކާރުން މި ނަސްލު ނައްތާލުމަށް ފަންޑުކުރުން ހުއްޓާލަންޖެހޭ ކަމަށާއި، މިހާރުން މިހާރަށް އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ އޮކްޓޫބަރު 10 ގައި އެމެރިކާ އިސްވެ އޮވެ އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް، އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 1،303 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 4،336 މީހުން ޒަޚަމްވެފައިވެއެވެ.
އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 73،400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 174،400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!