ހއ. އުލިގަމުގެ ޒުވާނުންގެ ހުނަރު ތަރައްޤީކޮށް، ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ވެސް ސެޓްފިކެޓް ލެވެލްގެ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
އެ ގޮތުން އުލިގަމު ކައުންސިލާއި، އެ ރަށު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)، އަދި އެސޯސިއޭޝަން ފޯރ ސޯޝަލް އެވެއާނެސްގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކްއާ، ގުޅިގެން މިކަމާ ބެހޭގޮތުން މަޝްވަރާ ބައްދަލްވުމެއް ބާއްވާފައިވެއެވެ.
އުލިގަމު ކައުންސިލްގެ ރައީސް އަސަދުﷲ މުޙައްމަދު "ތިލަދުން"އަށް ވިދާޅުވީ، އުލިގަމުގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި، އެ ރަށު ކައުންސިލުން ކުރިއަށް ރާވާފައިވާ ޕްރޮގްރާމްތައް މޯލްޑިވްސް ޕޮލިޓެކްނިކްއާ ހިއްސާކޮށް، މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ދެވެން ހުރި ފުރުޞަތުތަކާ ގުޅޭ ގޮތުން މި ބައްދަލްވުމުގައި ވާހަކަ ދެކެވިފައިވާނެކަމަށެވެ.
އޭގެއިތުރުން ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ދީނީ ކަންކަމަށް ޒުވާނުން ހޭލުންތެރި ކުރުވާފަދަ ޕްރޮގްރާމްތަކާއި، އަތްތެރި މަސައްކަތް ނުވަތަ އެ ނޫން ވެސް ފަންނީ ހުނަރު އިތުރު ކުރެވޭނެ ފަދަ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޒުވާނުންނަށް ފުރުޞަތު ހޯދައިދިނުމަށް އެ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ދައުރުގެ ތެރޭގައި، އުލިގަމު ކައުންސިލާއި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ގުޅިގެން ޖަމާޢަތްތެރިކަމުގެ ކޯހެއް، އެ ރަށުގައިވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި އެ ރަށު ކައުންސިލާއި، މޯލްޑިވްސް ޕޮލީޓެކްނިކް އަދި އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގުޅިގެން އުލިގަމުގައި، ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން ކޯހެއް ވެސް ވަނީ ހިންގާފައެވެ. އޭގެއިތުރުން މި އަހަރު އަދި އެ ފަދަ އެއް ޕްރޮގްރާމް ހިންގަން ޝެޑިޔުލްކޮއްފައި އޮތް ކަމަށް އެ ކައުންސިލުން މަޢުލޫމާތު ދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!