ހއ. އުލިގަމު ކައުންސިލާއި، މޯލްޑިވްސް ޕޮލީޓެކްނިކް އަދި އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގުޅިގެން އުލިގަމުގައި ހިންގުނު ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން ކޯހުގެ ދަސްވެނިވުން އިއްޔެ ބާއްވައިފިއެވެ.

ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި، ހަ މަސް ދުވަހުގެ މުއްދަތަށް ބޭއްވުނު މި ކޯހުގައި ޖުމްލަ 29 ފަރާތަކުން ބައިވެރިވިއެވެ.

Ad
ooredoo

އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގެ އެކަޑެމިކް ކޯޑިނޭޓަރ ހައްމާދު ޢަބްދުﷲ "ތިލަދުން"އަށް ވިދާޅުވި ގޮތުގައި މި ކޯހުގައި އިލެކްޓްރިކް ވައިރިންއާ ގުޅޭ މަސައްކަތްތައް ދަސްކޮއްދިނުމުގެ އިތުރުން ބިޒްނަސް މޮޑިޔުލްއެއް ވެސް ކޯހުގެ ބައިވެރިންނަށް ކިޔަވައިދީފައިވާނެއެވެ. އޭގެ މައިގަނޑު ސަބަބަކީ، މި ފަދަ ކޯސްތައް ފުރިހަމަ ކުރުމާއެކު، ޒުވާނުންނަށް، މި މަސައްކަތްތަކުން އާމްދަނީ ހޯދާނެ މަގުތައް ފަހިކޮއްދިނުމަށް ކަމަށް ހައްމާދު ވިދާޅުވިއެވެ.

އުލިގަމުގައި ކުރިއަށްގެންދިޔަ ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން ކޯސް ކާމިޔާބުކަމާއެކު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުން، ފޮޓޯ: އުލިގަމު ކައުންސިލް

ފްރޮގްރާމްތައް ހިންގުމުގައި ޒުވާނުންނާ މަޝްވަރާކޮށް، އެ ވަގުތަށް ޒުވާނުންނަށް އެންމެ ބޭނުންތެރި މަސައްކަތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގުމަށް ކައުންސިލުން ޚާއްޞަ އިސްކަމެއް ދެއެވެ. އެ ގޮތުން މި ފަހަރު ބޭއްވުނު އިލެކްޓްރިޝަން ކޯހަކީ ވެސް ޒުވާނުންނާ މަޝްވަރާ ކުރުމަށްފަހު ކުރިއަށް ގެންދެވުނު ކޯހެއްކަން ކައުންސިލުން ބުނެއެވެ.

އުލިގަމުގައި ކުރިއަށްގެންދިޔަ ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން ކޯސް ކާމިޔާބުކަމާއެކު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުން، ފޮޓޯ: އުލިގަމު ކައުންސިލް

އުލިގަމު ކައުންސިލުން މައުލޫމާތުދިން ގޮތުގައި ކައުންސިލްގެ އަމާޒަކީ ރަށުގައި ހުނަރުވެރި ޤާބިލް އަދި މަސައްކަތްތެރި ދަރިންތަކެއް އުފެއްދުމެވެ. އެ ގޮތުން ކޮންމެ އަހަރަކު ވެސް ސެޓްފިކެޓް ލެވެލްގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އެ ފަރާތުން ނިންމާފައިވެއެވެ.