ށ. މިލަންދޫގައި އިންޓަނެޓާއި ޑިޖިޓަލް އެކި ވަސީލަތްތައް ބޭނުންކުރުމުގައި ރައްކާތެރިވުމަށް އަހުލުވެރިކުރުވުމުގެ ގޮތުން "ސައިބަރ ކްރައިމް އެވެއަރނެސް" ގެ ނަމުގައި ހާއްސަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނިގޮތުގައި މި ޕްރޮގްރާމަކީ ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރާއި، މިލަންދޫ ޕޮލިސް ސްޓޭޝަން އަދި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އިންޓަނެޓްގެ ޒަރީއާއިން ހިންގާ އެކި ބާވަތުގެ ކުށްތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ޑިޖިޓަލް ދުނިޔޭގައި އަމިއްލަ މައުލޫމާތާއި މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން ދަމަހައްޓާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމެވެ.
މިލަންދޫގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮގްރާމުގައި ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި، ބެލެނިވެރިންގެ އިތުރުން ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެ މައުލޫމާތު އޮޅުންފިލުވާފައިވެއެވެ.
މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަކީ ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އަންނަ ނުރައްކާތަކުން މުޖުތަމައު ސަލާމަތްކުރުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އިސްނަގައިގެން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާ ޕްރޮގުރާމްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!