ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި "ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވަވާ ސިލްސިލާގެ އިތުރު ބައްދަލުކުރެއްވުންތަކެއް ކުރިއަށް ގެންދަވައިފިއެވެ.
މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބައެއް ވާހަކަތައް ހިމަނައިގެން ރައީސް އޮފީހުން ވަނީ މި ސިލްސިލާގެ ދެވަނަ އެޕިސޯޑް މިއަދު މީސް މީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) މެދުވެރިކޮށް ދުރަށް ދައްކާފައެވެ.
މި ބައްދަލުވުންތަކުގައި ރައީސް ވަނީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށް މިހާތަނަށް ނަން ނޯޓުކުރެއްވި ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވައި، އެ ފަރާތްތަކުން ހުށަހެޅި ކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ. އަދި އެ ފަރާތްތަކުގެ އެކިއެކި ބޭނުންތަކަށް ސަރުކާރުން ވެދެއްވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބައްލަވައި، އެ ކަންކަމަށް މަގުފަހިކޮށްދެއްވުމަށް އެމަނިކުފާނު ވަނީ މަސައްކަތްކޮށްދެއްވާފައެވެ.
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގެ ދަށުން ރައީސްއާ ބައްދަލުކުރެއްވުމަށް އެދި ހުށަހެޅެނީ، ރައީސް އޮފީހުން އިޢުލާންކުރައްވާ މުއްދަތުތަކުގައި، އެކަމަށް ޚާއްޞަކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މިގޮތުން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލެއްވީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ. އަދި ދެވަނަ ބުރުގައި މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށް ފުރުސަތު ވަނީ ދެއްވާފައެވެ.
މީގެއިތުރުން، މި ސިލްސިލާގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ރައީސް އޮފީހުން މިހާރު ވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލައްވާފައެވެ.
ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި މިފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސް މުޢިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު ވަނީ ޢާންމުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!