ޤައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން، އެ ރަށުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ ސްކޫލްގައި ކުޅޭނެ އެކަށީގެންވާ ޖާގައެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހިއްސާކޮށްފައެވެ. އެގޮތުން ޔުނީފޯމާއެކު ކުޅެން ނިކުންނަން ޖެހެނީ ބޭރަށް ހިރަފުހަށް ކަމަށް ބުނެ، އެކަން ޙައްލުކޮށްދެއްވައި ޓަރފް ދަނޑެއް އަޅުއްވައިދެއްވުމަށް ދަރިވަރުން އެދުނެވެ. މިކަމަށްޓަކައި ރަށު ކައުންސިލުން ބިމެއް ހަމަޖައްސާފައިވާކަންވެސް ދަރިވަރުން ފާހަގަކުރިއެވެ.
މީގެ އިތުރުން، ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ނެތުމުން އިންޑޯ ހަރަކާތްތައް ބޭއްވުމަށް ހުރި ހުރަސްތަކާއި، ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތުން އިތުރު ފުރުސަތުތައް ބޭނުންވާކަން ދަރިވަރުން ފާހަގަކުރިއެވެ. ހަމައެއާއެކު، 'ކޫލް ސްކޫލް' މަޝްރޫޢުގެ ދަށުން އުތީމު ސްކޫލް އޭސީ ކުރުމުން ލިބޭ ފަސޭހަތަކަށްޓަކައި ދަރިވަރުން ވަނީ ރައީސަށާއި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
ރައީސް އުތީމު ދަރިވަރުންނާއެކު، ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުކޮށްލެއްވުމަށް ރައީސް ވަނީ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތަކީ ޒުވާނުންނާއި އެންމެހާ ފަރާތްތަކުގެ އަޑުއަހައިގެން ކަންކަން ރަނގަޅަށް ގެންދިއުން ކަމުގައި ވިދާޅުވިއެވެ. އަދި ޒުވާން ކުދިންނާއި ސްކޫލް ދަރިވަރުންގެ ޚިޔާލުތަކަކީ ވަރަށް އަގުހުރި އެއްޗެއްކަން ފާހަގަކުރައްވައި، ދަރިވަރުން ފާޅުކުރި ޝުޢޫރުތަކަކީ ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަންކަން ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ޕްރޮގްރާމެއް ކަމަށެވެ. މިވަގުތު ޖާގަ އޮތް މިންވަރުން ތަމްރީނު ކުރެވެނީ ގާތްގަނޑަކަށް އަހަރަކު 1000 ކުދިން. ނަމަވެސް މި ޕްރޮގްރާމަށް ހުޅުވާލާ ކޮންމެ ފަހަރަކުވެސް ބޭނުންވާ ވަރަށްވުރެ ދެގުނަ އިތުރަށް ކުދިން ކުރިމަތިލާކަމަށް ރައީސް ވިދާޅުވިއެވެ.
ދަރިވަރުން އެދުނު ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް އެޅުމަށް މިވަގުތު ބަޖެޓު ކުރެވިފައި ނެތް ނަމަވެސް، އެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ދަރިވަރުންގެ އެހެނިހެން ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!