ޣައްޒާގެ ރައްޔިތުން އެކަނިވެރިކޮށް ނުލާނެ ކަމަށާއި އެ ގައުމަށް އެހީތެރިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ތުރުކީން ކުރާނެ ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.
ރައީސް އުރުދުޣާން ގެންދަވަނީ ބައިނަލްއަގުވާމީ އެކި މެހެފިލްތަކުގައި ފަލަސްތީނުގެ މައްސަލައަށް ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން، ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށާއި، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް އެމަނިކުފާނު ބާރުއަޅުއްވައެވެ. ތުރުކީގެ ރަސްމީ ސިޔާސަތަކީ ފަލަސްތީނުގެ ހައްގުތައް ހޯދައިދިނުމަށް ސިޔާސީ އަދި ޑިޕްލޮމެޓިކް ގޮތުން މެދުނުކެނޑި މަސައްކަތް ކުރުމެވެ.
ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް އުރްދުޣާން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވަނީ އެއީ ފަލަސްތީނުގެ ހައްގުގައި ތުރުކީން ގެންގުޅޭ ސިޔާސީ އަދި އަޚްލާގީ ޒިންމާއެއްގެ ގޮތުގައި ސިފަކުރަށްވާފައެވެ.
މީގެ އިތުރުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ހިންގަމުންދާ އަމަލުތަކަކީ ހަނގުރާމައިގެ ކުށްތަކެއްގެ ގޮތުގައި އުރުދުޣާން ވަނީ ސިފަކުރައްވާފައެވެ. އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކާއި ނަސްލު ނައްތާލުމުގެ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ގާނޫނީ މައިދާނުގައި ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތުރުކީން ގަބޫލުކުރާ ގޮތުގައި ސަރަހައްދީ ހަމަޖެހުން ގާއިމުކުރެވޭނީ އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން ފަލަސްތީނު ދައުލަތެއް އުފެދިގެންނެވެ. އަދި ޣައްޒާ އަލުން އާރާދުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މިހާރުން މިހާރަށް މަސައްކަތް ފަށަންޖެހޭ ކަމަށްވެސް ތުރުކީގެ ސަރުކާރުން ބުނެފައިވެއެވެ.
ޣައްޒާއަށް ކުރިމަތިވެފައިވާ ބަންދުތަކާއި ހުރަސްތަކާ އެކުވެސް، ތުރުކީން ދަނީ ކާބޯތަކެއްޗާއި، ބޭހާއި، އަދި ވަގުތީ ހިޔާވަހިކަން ފަދަ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!