ސީރިއާގައި ހިނގި ދާޚިލީ ހަނގުރާމައިގައި މީހުން މެރުމާއި، އަނިޔާކުރުމާއި، އަދި ނާޖާއިޒު ގޮތުގައި މީހުން ހައްޔަރުކުރުމުގެ ކުށް ސާބިތުވެ، އެގައުމުން ފިލައިގެން ގޮސްފައިވާ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ މައްޗަށް ސީރިއާގެ ކޯޓަކުން އަންގާރަ ދުވަހު ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވައިފިއެވެ.

މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިދިކޮޅު ހަނގުރާމަވެރިންގެ ވަރުގަދަ ހަމަލާތަކާއެކު ވެރިކަމުން ދުރުކުރެވުނު އަސަދުގެ މައްޗަށް ސީރިއާގެ ކޯޓަކުން މިފަދަ ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.

Ad
rt

މި ޝަރީއަތުގައި އަސަދުގެ އިތުރުން، އޭނާގެ ކޮއްކޮ މާހިރު އަލް އަސަދުގެ މައްޗަށްވެސް ވަނީ ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވާފައެވެ. މާހިރަކީ މުޒާހަރާތައް ރޫޅާލުމާއި ރައްޔިތުންނަށް އަނިޔާކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފޯތު އާމަޑް ޑިވިޜަންގެ އިސްވެރިޔާއެވެ. މީގެއިތުރުން، 2011 ވަނަ އަހަރު އަސަދާ ދެކޮޅަށް އެންމެ ފުރަތަމަ މުޒާހަރާތައް ފެށުނު ދަރްޢާ ޕްރޮވިންސްގެ ސެކިއުރިޓީ އޮފިޝަލެއް ކަމަށްވާ އާތިފް ނަޖީބުގެ މައްޗަށްވެސް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އަސަދުގެ އާއިލާއަށް ނިސްބަތްވާ ނަޖީބަކީ މި މައްސަލައިގައި ހާޒިރުކޮށް ޝަރީއަތް ހިންގުނު ހަމައެކަނި މީހާއެވެ.

މި ހުކުމް އިއްވުމާއެކު ވެރިރަށް ދިމިޝްގާއި ދަރްޢާގެ މަގުތަކަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ، އުފާފާޅުކޮށްފައިވެއެވެ. އެމީހުން ދިޔައީ ސީރިއާގެ ދިދަ ހޫރަމުން، ހަނގުރާމައިގައި މަރުވި އަދި ގެއްލުނު މީހުންގެ ފޮޓޯތައް ހިފައިގެން އަޑުއުފުލަމުންނެވެ. އޭގެ ތެރޭގައި 2011 ވަނަ އަހަރު ހައްޔަރުކޮށް، އަނިޔާކޮށް މަރާލި 13 އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ ޙަމްޒާ އަލް ޚަތީބުގެ ފޮޓޯވެސް ހިމެނެއެވެ.

މި ހުކުމަކީ ސީރިއާގެ އާ ސަރުކާރުން އިންތިގާލީ އަދާލަތު ގާއިމުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނި ނަމަވެސް، ބައެއް ގާނޫނީ މާހިރުން ވަނީ މިކަމާ މެދު ޝައްކު އުފައްދާފައެވެ. ސީރިއަން ސެންޓަރ ފޯ ލީގަލް ސްޓަޑީޒް އެންޑް ރިސާޗްގެ އިސްވެރިޔާ އަންވަރު އަލް ބުއްނީ ވިދާޅުވީ، "މަރުގެ ހުކުމް އިއްވާފައިވާ ގައުމަކަށް އެއްވެސް ގައުމަކުން ކުށްވެރިން ހަވާލުނުކުރާނެތީ، މި ހުކުމުގެ ސަބަބުން އަސަދު ސީރިއާއާ ހަވާލުކުރުމުގެ ފުރުސަތު މުޅިން ބަންދުވެގެންދާނެ" ކަމަށެވެ.

ބައްޝާރުލް އަސަދު ސީރިއާގެ ވެރިކަމަށް ވަޑައިގަތީ 2000 ވަނަ އަހަރު އޭނާގެ ބައްޕަ ހާފިޡު އަލް އަސަދު އަވަހާރަވުމާ ގުޅިގެންނެވެ. އޭނާގެ 24 އަހަރުވީ ވެރިކަން ނިމުމަކަށް އައީ 2024 ވަނަ އަހަރު އަޙްމަދު އަލް ޝަރާ އިސްވެ ހުންނަވައި ހިންގި ހަލުވި އަސްކަރީ ހަރަކާތްތަކަށްފަހުއެވެ.

އަސަދު މިހާރު ދިރިއުޅެމުންދަނީ ރަޝިޔާގައެވެ.