މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ވަޤުފު ފަންޑަށް މިއަހަރުގެ މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑު ތަރައްޤީކޮށް، އެ ފަންޑަށް އެހީވުމަށް މީރާގެ ވެބްސައިޓް މެދުވެރިކޮށް ޤާއިމުކުރެވުނު ވަޤުފުކުރުމާއި ޞަދަޤާތްކުރުމުގެ ލިންކުތަކުން ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށެވެ.
"މިއަހަރު މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ. މިފައިސާ ޚަރަދުކުރަނީ ވަޤުފު ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށް، ވަޤުފު ފަންޑު އުޞޫލުގައިވާ ގޮތުގެ މަތިން،" ވަޒީރު ވިދާޅުވިއެވެ.
ވަޤުފު ފަންޑަކީ ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތައް ކުރިއެރުވުމަށާއި، މިސްކިތްތަކާއި ދީނީ އެކި ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ހޯދުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ޚާއްޞަ ފަންޑެކެވެ. މި ފަންޑުގެ ދަށުން ބޮޑެތި ވަޤުފު އިމާރާތްތައް ބިނާކޮށް، އެ ތަންތަނުން ލިބޭ ކުލި ފަދަ އާމްދަނީ ބޭނުންކުރަނީ ދީނީ އަދި އިޖުތިމާޢީ ކަންކަމަށެވެ.
މި ފަންޑުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ދީނީ ހަރަކާތްތަކާއި ދަޢުވާގެ މަސައްކަތްތައް އިތުރަށް ފުޅާކުރުން ހިމެނެއެވެ. މީގެ އިތުރުން، ފަންޑު އިތުރަށް މުއްސަނދިކުރުމަށްޓަކައި އެކި ކަހަލަ ވިޔަފާރި އިންވެސްޓްމަންޓްތަކާއި އިމާރާތްތައް ބިނާކުރުމަކީވެސް މި ފަންޑުގެ މުހިންމު އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!