އީރާނުގެ ގިޝްމް އައިލެންޑް ސަރަހައްދުން އިވުނު ބާރުގަދަ ދެ ގޮވުމަކީ ހޮރްމުޒް ކަނޑުއޮޅިއަށް ވަންނަން އުޅުނު ދުޝްމަނުންގެ އަމާޒުތަކަކަށް ހަމަލާދީ އެ ތަކެތި ހުއްޓުވުމުގެ ސަބަބުން އިވުނު އަޑުތަކެއް ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާދީ ތަސްނީމް ނިއުސް އިން ބުނި ގޮތުގައި، ރޭގަނޑު ގަޑިން ގާތްގަނޑަކަށް 9:40 ހާއިރު އިވުނު މި ގޮވުންތަކަކީ އީރާނުގެ ކަނޑުގެ ސިފައިން ދުޝްމަނުންގެ ވައިގެ ނުވަތަ ކަނޑުގެ އަމާޒުތަކަކަށް ހަމަލާދީ، އެ ތަކެތި ހުއްޓުވުމުގެ ތެރޭގައި ހިނގި ހާދިސާއެކެވެ. މި ހާދިސާ ހިނގާފައިވަނީ އިސްތިރާތީޖީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ދޮރުމަތީގައެވެ.
އީރާނުގެ އަސްކަރީ މަސްދަރުތަކުން ބުނާ ގޮތުގައި، މި ގޮވުންތަކަކީ ކަނޑުއޮޅިއާ ގާތްވާން ނުވަތަ އެ ސަރަހައްދަށް ވަންނަން މަސައްކަތް ކުރި "ދުޝްމަނުންގެ އަމާޒުތަކަށް" އަމާޒުކޮށް ދިފާއީ ނިޒާމުތަކުން ދިން ހަމަލާތަކުގެ ސީދާ ނަތީޖާއެވެ. ނަމަވެސް، މި ހަމަލާތަކުގައި ބޭނުންކުރި ވަސީލަތްތަކާއި އަދި ހަމަލާގެ ނަތީޖާއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ވަގުތުތަކުގައި ރަސްމީ އިދާރާތަކުން ހާމަކުރާނެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.
ގިޝްމް އައިލެންޑަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކަނޑުގެ ސިފައިންގެ މުހިންމު މަރުކަޒެކެވެ. އެ ރަށުގައި ކަނޑުގެ ދަތުރުފަތުރު ބަލަހައްޓާ ރޭޑާ ނިޒާމުތަކާއި، ވައިގެ ދިފާއީ ނިޒާމުތަކުގެ އިތުރުން އައްސޭރިފަށުގެ ދިފާއީ މިސައިލް ސައިޓްތައް ގާއިމުކޮށްފައިވެއެވެ.
މި ސަރަހައްދުގައި ހިނގި މި އަސްކަރީ ކުރިމަތިލުމަކީ އީރާނުގެ ދެކުނު ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތައްޔާރީތަކާއި ވައިގެ ދިފާއީ ހަރަކާތްތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި ހިނގި ހާދިސާއެކެވެ. ޕާޝިއަން ގަލްފުގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އީރާނުން އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!