އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓުގެ ބިންގާ އަޅައި، ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައި އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފިއެވެ.
މި ދެ މަޝްރޫޢޫ ފަށައި އައުޓްޑޯ ވޮލީ ކޯޓު ހުޅުވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުން
އުކުޅަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި މި މަސައްކަތް ހަވާލުކޮށްފައިވާ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރ އިބްރާހިމް އަޒީމެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 6 ގައި ހަވާލުކުރި މި މަޝްރޫޢަކީ 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެއް ބިނާކުރުމަށް ހިންގާ މަޝްރޫޢެކެވެ. އެއް އަހަރާއި ހަތް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް
މީގެ އިތުރުން، އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދުގެ އިތުރުން އުކުޅަހު ކައުންސިލްގެ ރައީސް އަލީ ވަހީދުއެވެ.
މި މަޝްރޫޢަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އެމްއޭސީއެލްއާ ހަވާލުކުރައްވާފައިވާ މަޝްރޫޢެކެވެ.
އުކުޅަހު އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވުން
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގައި އަލަށް ތަރައްޤީކުރި އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މިދިޔަ ޖުލައި 16 ގައި އަމަލީ މަސައްކަތް ފެށި މި ކޯޓަކީ ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން 1,359,163.58 ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ ތަނެކެވެ.
ޒަމާނީ ވަސީލަތްތަކާއެކު ރޭގަނޑުވެސް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ މި ކޯޓަކީ ޒުވާނުންގެ ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!