ށ. ނަރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ވަކިކޮށް، އެމް.ޑަބްލިޔު.އެސް.ސީ ނުވަތަ އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހަސަނާ ވަނީ ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ނުގޮސް ހަތް އަހަރު ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
''ށ. ނަރުދޫގެ ފެނާއި ނަރުދަމާ ނިމިދިޔަ ސަރުކާރުން އަޅަން މަސައްކަތް ކޮށްކޮށް ނު،ވެ އަނެއްކާ މިހާރު މި ސަރުކާރާ އެކުގައި މިހާރު ވަނީ 7 އަހަރު ވެފައި، އެހެންވީމާ، ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައިލެވޭނެ ތާރީޚެއް ވިދާޅުވެދެއްވަފާނަންތޯ؟'' ހަސަނާ ސުވާލުކުރަށްވާފައި ވެއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން އެ މަސައްކަތް ފެނަކައާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ރޭވި ނަމަވެސް، އެ މަސައްކަތް ކުރުމުގެ ޤާބިލުކަން ފެނަކައިގައި އެކަށީގެންވާ މިންވަރަށް ނެތުމުން މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
"ފެނަކައަކީ މި މަސައްކަތް ކުރުމުގައި އެ ގާބިލުކަން އެކަށީގެންވާ މިންވަރަކަށް ނެތް ކުންފުންޏަކަށްވާތީ، ފެނަކައިން މަސައްކަތް ނުކުރެވި އޮތީ. މިހާރު އަޅުގަނޑުމެން އެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއަށް ނޫނިއްޔާމު އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން މަސައްކަތް ނިންމޭތޯ މަސައްކަތްކުރާނަން" މިނިސްޓަރު ވިދާޅުވެފެވެއެވެ.
ނަމަވެސް، މަސައްކަތް ހަވާލުކޮށްފައި ޓާމިނޭޓް ކުރަން ޖެހުމުން ދަތިތަކެއް ކުރިމަތިވާ ކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
ނަރުދޫގެ މަޝްރޫޢު ސީދާ ނިމޭނެ ތާރީޚެއް ދަންނަވަން ދަތިކަމަށް ވިދާޅުވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަސައްކަތާ ހަވާލުވިއިރު ކުރީ ސަރުކާރުން ފަށާފައި ހުރި ގާތްގަނޑަކަށް ހުރިހާ މަޝްރޫޢެއް އޮތީ ހުއްޓިފައި ކަމަށެވެ. އެހެންކަމުން މިހާރު ޖެހިފައިވަނީ އެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ގޮތްތައް ހޯދުމާއެކު، މި ސަރުކާރުގެ އެޖެންޑާގައި ހުރި ކަންކަންވެސް ކުރިއަށް ގެންދަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ނަރުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހިފައިވާ މުހިންމު މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!