ނީޓް އިމްތިހާނުގެ ކަރުދާސް ލީކުވުމާއި އިމްތިހާނުތަކުގެ އިންތިޒާމުތަކުގައި ހުރި މައްސަލަތަކާ ގުޅިގެން ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތަކަށްފަހު، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރަދާން އޭނާގެ އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވީ ހޮނިހިރު ދުވަހުއެވެ.

Ad
rt

މިނިސްޓަރުގެ އިސްތިއުފާ އިއުލާނު ކުރައްވާފައިވަނީ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އާއި ސަރުކާރާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ތިންވަނަ ބުރުގެ މަދު ގަޑިއިރުތަކެއް ކުރިން އޭނާގެ އެކްސް އެކައުންޓް މެދުވެރިކޮށެވެ. ދިއްލީގެ ޖަންތަރު މަންތަރުގައި އެއް މަސް ދުވަހަށްވުރެ ގިނަ ދުވަހު މުޒާހަރާ ކުރަމުންދިޔަ ދަރިވަރުންގެ އެންމެ ބޮޑު އެއް ޑިމާންޑަކީ ޕްރަދާންގެ އިސްތިއުފާއެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާ، މުޒާހަރާގައި ބައިވެރިވި ދަރިވަރުންނާ މެދު ގާނޫނީ ފިޔަވަޅު ނޭޅުން، އަދި އިމްތިހާނުގެ މައްސަލައިގައި އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުން ހިމެނެއެވެ. ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ފަހު ދެ ކަމަށް ސަރުކާރުން އެއްބަސްވި ނަމަވެސް، އިސްތިއުފާގެ މައްސަލައިގައި އޮތީ ހަނު ހިމޭނުންނެވެ.

"ގައުމުގެ ޒުވާނުންގެ އުންމީދުތަކާއި އިހުސާސްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް އިހުތިރާމް ކުރަން. ގައުމުގެ އެއްވެސް ދަރިވަރެއްގެ މުސްތަގުބަލު ގާނޫނީ އޮޅުންބޮޅުންތަކެއްގެ ތެރޭގައި ތާށިވިޔަ ނުދިނުމަށާއި، ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑު މިވަނީ އިސްތިއުފާ ހުށަހަޅާފައި"އިސްތިއުފާ އިއުލާނު ކުރައްވަމުން ޕްރަދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަވެއެވެ.

މިނިސްޓަރު އިސްތިއުފާ ދެއްވި ޚަބަރާއެކު ޖަންތަރު މަންތަރުގައި ތިބި ދަރިވަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ ވިދާޅުވީ މިއީ ދަރިވަރުންގެ ބާރު ދައްކުވައިދިން ކަމެއް ކަމަށާއި، މި ސަރުކާރުން އެއްވެސް މީހަކު އިސްތިއުފާ ނުދޭނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް ދަރިވަރުން އެކަން ކާމިޔާބު ކޮށްފި ކަމަށެވެ.

މި މުޒާހަރާތައް އިންޑިއާގެ އެތައް ސިޓީއަކަށް ފެތުރިފައިވާއިރު، އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ދަރިވަރުންނަށް ތާއީދުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ދަރިވަރުންގެ މުޒާހަރާއަކާ ގުޅިގެން ކެބިނެޓް މިނިސްޓަރަކު އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ.