ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ސައޫދީއަރަބިއްޔާގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންގެ މުޝީރެއްކަމަށްވާ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބަކީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމުގެ އިތުރުން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތަކަށް، ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބުއަށް މަރުޙަބާ ވިދާޅުވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރެވެ.
ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އިން ވަނީ އެއަރޕޯޓުގައި ޝަރަފުގެ ގާޑެއް އަރުވާފައެވެ.
ރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!