ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ. ރަންދޫވިލާ، އަމްޖަދު މުޞްޠަފާ، މިއަދު ޢައްޔަނުކުރައްވައިފިއެވެ.

މި މަޤާމަށް އަމްޖަދު ޢައްޔަނުކުރެއްވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި އަމްޖަދު މުޞްޠަފާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

Ad
rt

ހުވައިކުރެއްވުމަށްފަހު، މަޤާމުގެ ލިޔުން އަމްޖަދަށް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އަމްޖަދަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ބެޗެލާ އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ ފުރިހަމަކޮށްފައިވާ ބޭފުޅެކެވެ. އަދި އެންގްލިއާ ރަސްކިން ޔުނިވާސިޓީއިން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންވެސް ހާސިލުކޮށްފައިވެއެވެ.

މީގެ ކުރިން އަމްޖަދު ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމް 16 މާރިޗް 2020 އިން 16 ޖުލައި 2020 އަށް ފުރުއްވާފައެވެ. އެފަހަރު އޭނާ މަގާމުން އިސްތިއުފާ ދެއްވީއެވެ.

ފަހުން އަމްޖަދު ވަނީ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމާއި އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރަށްވާފައެވެ. މީގެ ކުރިން އަމްޖަދު ވަނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ އަމްޖަދު އެންމެފަހުން އަދާކުރެއްވި ވަޒީފާ އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމެވެ.