އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ބާއްވާ "އުރީދޫ މަސްރޭސް 2026" މިއަހަރުވެސް ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގެ އެންމެ މަގުބޫލު އެއް މަސްވެރިކަމުގެ މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 7، 2026 ގައި ކ. މާފުށީގައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކަށް ރަޖިސްޓްރޭޝަން ހުޅުވާލާނީ 14 ޖުލައި 2026 ގައެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 21 ޖުލައި 2026 ގެ 23:59 އެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން ޖުމްލަ 12 މީހުން ތިބެންވާނެއެވެ. ބައިވެރިވާން އެދޭ ޓީމުތަކުން http://ore.do/masrace2026 މެދުވެރިކޮށް އޮންލައިން ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ.
ބޮޑެތި ފައިސާގެ އިނާމުތަކެއް
މިއަހަރުގެ މަސްރޭހުގައި ޖުމްލަ 43,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 25,000 ރުފިޔާ، ދެވަނަ ޓީމަށް 10,000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެންމެ މޮޅު އަންހެން މަސްވެރިޔާ، އެންމެ މޮޅު ފިރިހެން މަސްވެރިޔާ އަދި އެންމެ ބަރު މަސް ބާނާ ފަރާތަށް ކޮންމެ ފަރާތަކަށް 1,000 ރުފިޔާގެ އިނާމެއް ދެވޭނެއެވެ.
އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑަށް، މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވުމަށް ބާއްވާ ހަރަކާތެކެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރެވޭނީ ގިނަވެގެން 20 ޓީމަށެވެ. 20 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެއްޖެ ނަމަ، ފުރުސަތު ދެވޭނީ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ ޓީމުތަކަށެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ ސަރުކާރުގެ މުއައްސަސާތަކާއި، ކޯޕަރޭޓް އިދާރާތަކުގެ އިތުރުން އާންމު ފަރާތްތަކަށް ވެސް މި މުބާރާތުގައި ބައިވެރިވުމަށް މަރުހަބާ ކިޔާފައެވެ. މިއީ ރާއްޖޭގެ މުޖުތަމައުތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އަދި ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އިންތިޒާރުކުރާ ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!