ގަލްފް ސަރަހައްދުގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، އެމެރިކާއިން އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ބަހްރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ.

މި ކުރިމަތިލުންތަކާއެކު ދެގައުމުގެ ދެމެދުގައި އޮތް ވަގުތީ ސުލްހައިގެ އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

Ad
rt

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ބުދަ ދުވަހު ދިން މި ހަމަލާތަކަކީ އީރާނުގެ ދެކުނުގެ އައްސޭރިފަށުގެ ރާޑަރު ސިސްޓަމްތަކަށާއި، ވައިގެ ދިފާއީ ނިޒާމުތަކުގެ އިތުރުން ބަންދަރު އައްބާސް އަދި ބުޝެހްރު ފަދަ ބަނދަރު ސަރަހައްދުތަކުގައި ހުރި އެންޓި-ޝިޕް މިސައިލް ގާބިލްކަން ނައްތާލުމަށް ދިން ހަމަލާތަކެކެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ދިން މި ހަމަލާތަކަކީ އީރާނުގެ ހުއްދަނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހުރަސްއަޅާތީ ބަދަލުހިފުމެއް ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ އަވަށްޓެރި ގަލްފް ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯންގެ ބޮޑު ފައުޖެއް ފޮނުވާލާފައެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މަރުކަޒު ހުންނަ ބަހްރޭނުގައި ބުދަ ދުވަހުގެ ފަތިހު ވަނީ ނުރައްކަލުގެ ސައިރަންގެ އަޑު އިވިފައެވެ. އީރާނުން ބުނާ ގޮތުގައި އެގައުމުން އަމާޒުކޮށްފައިވަނީ ބަހްރޭނުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.

މީގެ އިތުރުން، އެމެރިކާގެ ސިފައިން ގާއިމްވެ ތިބޭ ކުވެއިތަށް ވެސް މިސައިލް ހަމަލާތަކެއް އަމާޒުވިއެވެ. ކުވެއިތުގެ ދިފާއީ ބާރުތަކުން ވަނީ ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހުއްޓުވާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް، ވައްޓާލި މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގެ ކަރަންޓު ފޯރުކޮށްދޭ ލައިންތަކަށް ކުދިކުދި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަލާތަކާ ގުޅިގެން ވޮޝިންގޓަނުން ވަނީ އީރާނަށް ތެޔޮ ވިއްކުމަށް ދީފައިވާ ހާއްސަ ހުއްދަތައް ވަގުތުން ބާތިލްކޮށްފައެވެ. މި ހުއްދަތަކަކީ ވަގުތީ އެއްބަސްވުމުގެ ދަށުން އެމެރިކާ ޑޮލަރު ބޭނުންކޮށްގެން އީރާނަށް ތެޔޮ ވިއްކުމަށް ދީފައިވާ ހުއްދަތަކެކެވެ. މި ނިންމުމާއެކު އީރާނުގެ އިގްތިސާދަށް އިތުރު ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވެއެވެ.

މަސްތަކެއް ވަންދެން ކުރިއަށްދިޔަ ޑިޕްލޮމެޓިކް މަޝްވަރާތައް ފެއިލްވެ، މަސްރަހު ގޯސްވުމާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމާއި ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މަގުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ގުޅޭގޮތުންނެވެ.