ޗައިނާގެ އިރުމަތީ ނަންޖިން ސިޓީގެ އިގްތިސާދީ ތަރައްގީއާ ބެހޭ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ޔަންގް ޔޫލިން، 325 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ރިޝްވަތުގެ ގޮތުގައި ނެގިކަން ސާބިތުވެ، އޭނާ މަރަން ޗައިނާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ޗައިނާގެ ފަހުގެ ތާރީޚެއްގައި ކޮރަޕްޝަންގެ މައްސަލައެއްގައި އިއްވި އެންމެ ހަރުކަށި އެއް ހުކުމް އިއްވާފައިވަނީ ޖިއާންގްސޫ ޕްރޮވިންސްގެ ޗަންގްޒޫ އިންޓަރމީޑިއަޓް ޕީޕަލްސް ކޯޓުންނެވެ.

Ad
rt

ކޯޓުން ހާމަކުރި ތަފްސީލުތަކުގައިވާ ގޮތުން، ޔަންގް ވަނީ 2.21 ބިލިއަން ޔުއާން (ގާތްގަނޑަކަށް 325 މިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ ގިނަ ފައިސާ އާއި މުދާ ޣައިރު ގާނޫނީ ގޮތެއްގައި ހޯދާފައެވެ. އޭނާ މި ފައިސާ އެއްކޮށްފައިވަނީ 1993 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް، ގާތްގަނޑަކަށް 30 އަހަރު ދުވަހުގެ ތެރޭގައެވެ.

ރިޝްވަތު ހިފުމުގެ ބޮޑު ދައުވާގެ އިތުރުން، ޔަންގްގެ މައްޗަށް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި، އަމިއްލަ ބޭނުމަށް ފައިސާ ބޭނުންކުރުމާއި، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑަރިންގްގެ ކުށް ވެސް ވަނީ ސާބިތުވެފައެވެ. އޭނާ މި ބޮޑު އަދަދުން ރިޝްވަތު ނަގާފައިވަނީ އެކި ކުންފުނިތަކަށާއި ފަރުދުންނަށް ބިިން ދޫކުރުމާއި، އިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތައް ހަވާލުކުރުމާއި، ވިޔަފާރީގެ އެކި މުއާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައެވެ.

މި މައްސަލައަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ފައްޓަވާފައިވާ ކޮރަޕްޝަނާ ދެކޮޅު ވަރުގަދަ ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު ޝަރީއަތެކެވެ. އިގްތިސާދީ ކުށްތަކުގައި މަރުގެ ހުކުމް އިއްވުމަކީ ޗައިނާގައި އާންމުކޮށް ކުރާ ކަމަކަށް ނުވިޔަސް، ޔަންގް ނަގާފައިވާ ރިޝްވަތުގެ އަދަދު އިންތިހާއަށް ބޮޑުވުމުން، ކޯޓުން ނިންމީ މިއީ "އާދަޔާ ހިލާފު ބޮޑު" ކުށެއްގެ ގޮތުގައެވެ.

ކޯޓުގެ ހުކުމާއެކު ޔަންގްގެ އަމިއްލަ ހުރިހާ މުދަލެއް ދައުލަތަށް ނެގުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. އަދި ގެއްލިފައިވާ 325 މިލިއަން ޑޮލަރު އަނބުރާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ. ޝަރީއަތުގެ މަޖިލީހުގައި ޔަންގް ވަނީ އޭނާ ކުރި ކުށްތަކަށް ފުރިހަމައަށް އިއުތިރާފުވެ، އެކަމާ ހިތާމަކުރާ ކަމަށް ބުނެފައެވެ.