އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން އައި ސަސްޕެންޝަން ފީފާއިން އުވާލުމަކީ "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ބުނެ ޔޫރަޕްގެ ފުޓްބޯޅަ މައި އިދާރާ، ޔޫރަޕިއަން ފުޓްބޯޅަ ފެޑަރޭޝަން (ޔޫއެފާ)އިން ވަރުގަދަ ބަޔާނެއް ނެރެފިއެވެ.

ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން ބުނި ގޮތުގައި ފުޓްބޯޅަ ބިނާވެފައިވަނީ އުސޫލުތަކުގެ މައްޗަށް ކަމަށާއި، އެއީ އިންސާފުވެރި އަދި ދެފުށް ފެންނަ މުބާރާތެއް ބޭއްވުމުގެ އަސާސެވެ.

Ad
rt

މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ބޮސްނިއާ-ހެރްޒެގޮވީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލޯގަން އަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އޭނާ ހުރީ ސަސްޕެންޝަނެއްގައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލޮބީއާ އެކު ފީފާއިން ވަނީ އެ ސަސްޕެންޝަން މެދުކަނޑާލާފައެވެ. މީގެ ސަބަބުން މި ރޭ ބެލްޖިއަމާ ދެކޮޅަށް ކުޅޭ ގަދަ 16 ގެ މެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

ސަސްޕެންޝަންގައި ހުރި އެމެރިކާގެ ބަލޮގަން ބެލްޖިއަމް މެޗުގައި ކުޅުމުގެ ފުރުސަތު ދީފި

"ރަތް ކާޑަކަށްފަހު އަންނަ އެއް މެޗުގެ އޮޓޮމެޓިކް ސަސްޕެންޝަނަކީ އިޚްތިޔާރީ ކަމެއް ނޫން" ޔޫއެފާގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިއީ ގަވާއިދުގައި ކަނޑައެޅިފައިވާ އަދި އިސްތިސްނާ ދެވޭނެ ކަމެއް ނޫން ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. ވަކިން ހާއްސަކޮށް މުބާރާތުގެ މެދުތެރެއިން އެހެން ކުޅުންތެރިން ސަސްޕެންޝަން ފުރިހަމަކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔޫއެފާއިން ފާހަގަކުރިއެވެ.

ބަލޯގަންގެ ރަތް ކާޑު ސަސްޕެންޝަން އުވާލުމަށް ޓްރަމްޕް ގުޅައި ނުފޫޒު ފޯރުވި

ޔޫއެފާއިން އިތުރަށް ބުނީ މި ނިންމުމުގެ ސަބަބުން މުބާރާތުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ކަމަށާއި، މިއީ މީގެ ކުރިން ފެނިފައިނުވާ، ބުއްދިއަށް ގަބޫލުނުކުރެވޭ އަދި ދިފާއު ނުކުރެވޭނެ ނިންމުމެއް ކަމަށެވެ. މި ނިންމުމާ ގުޅިގެން ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ވަނީ އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

މި މައްސަލައަކީ އިންގްލެންޑަށްވެސް މުހިންމު މައްސަލައަކަށް ވެފައިވަނީ، އެ ޓީމުގެ ޑިފެންޑަރު ޖަރެލް ކުއާންސާ އަށް ވެސް ރަތް ކާޑެއް ލިބިފައިވާތީއެވެ. އެމެރިކާގެ ކުޅުންތެރިޔާއަށް މިފަދަ ލުޔެއް ދިނުމުން، އިނގިރޭސި އެފްއޭއިން ވެސް މި ނާއިންސާފު އަމަލާ މެދު އަޑުއުފުލާނެ ކަމަށް ބެލެވެއެވެ. ޔޫރަޕްގެ އިސް އޮފިޝަލަކު މި ނިންމުން ސިފަކުރައްވާފައިވަނީ "ލަދުވެތި" އަމަލެއްގެ ގޮތުގައެވެ.