ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި ބެލްޖިއަމާ ދެކޮޅަށް އެމެރިކާ ކުޅޭ މެޗުގައި ކުޅުމުގެ ފުރުސަތު އެމެރިކާގެ ތަރި ފޯލަރިން ބަލޯގަންއަށް ދިނުމަށް ފީފާއިން ނިންމާފައިވަނީ ބަލޯގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރެއްވި ފޯނު ކޯލަކަށްފަހުކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަތުން 2-0 އިން އެމެރިކާ މޮޅުވި މެޗުގައި ބަލޯގަންއަށް ރަތް ކާޑު ދެއްކީ އިދިކޮޅު ކުޅުންތެރިއެއްގެ ފަޔަށް އެރި މައްސަލައިގައެވެ.

Ad
rt

މިއީ 1962 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގައި ރަތް ކާޑެއް ދެއްކުމަށްފަހު ސަސްޕެންޝަން އުވާލި ފުރަތަމަ ފަހަރެވެ. ފީފާއިން ބުނީ ބަލޯގަންގެ ސަސްޕެންޝަން އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ "އިންސާފު ގާއިމުކޮށްދިނީތީ ފީފާއަށް ޝުކުރު ދަންނަވާ" ކަމަށެވެ. ނަމަވެސް ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ގާސިއާ ބުނީ މިއީ ފުޓްބޯޅައިގެ އަހުލާގާއި އިންސާފަށް އުނިކަން އަންނަ ނިންމުމެއް ކަމަށާއި، މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް މިފަދަ ނިންމުމެއް ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ފީފާގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ. އޭނާ ބުނީ ބަލޯގަންއަށް ރަތް ކާޑު ދެއްކުމަކީ ބޮޑު ބޭއިންސާފެއް ކަމަށާއި، ރައީސް ޓްރަމްޕް މިކަމުގެ ތެރެއަށް ވެދެވަޑައިގަތުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ފުޓްބޯޅައަކީ ގައުމުތައް އެއްބައިކުރުވާ ވަރުގަދަ ބާރަކަށް ވާތީ ކަމަށް އޭނާ ފާހަގަކުރިއެވެ.

ބަލޯގަންއަކީ މިހާތަނަށް މި މުބާރާތުގައި އެމެރިކާއަށް ތިން ލަނޑު ކާމިޔާބުކޮށްދީފައިވާ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މި މައްސަލައިގައި ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ބަލަމުންދާ ކަމަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.

ފީފާގެ މި ނިންމުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރިޓަޔަރޑް މަޝްހޫރު ކުޅުންތެރިން ވެސް ހިމެނެއެވެ.