ވޯލްޑް ކަޕްގެ ގަދަ 16 ގައި އެމެރިކާއިން ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ކުޅުމުގެ ފުރުސަތު ދިނުމަށް ފީފާއިން ނިންމައިފިއެވެ.
ފީފާއިން އާދީއްތަ ދުވަހު ވަނީ ބަލޮގަންއަށް ދީފައިވާ އެއް މެޗުގެ ސަސްޕެންޝަން ފަސްކުރުމަށް ކުއްލި ނިންމުމެއް ނިންމާފައެވެ.
މި މުބާރާތުގައި އެމެރިކާއަށް ތިން ގޯލު ކާމިޔާބުކޮށްދީފައިވާ ބަލޮގަންއަށް ރަތް ކާޑު ދެއްކީ ގަދަ 32 ގެ ބުރުގައި ބޮސްނިއާ އެންޑް ހެރްޒެގޮވިނާ އަތުން 2-0 އިން އެމެރިކާ މޮޅުވި މެޗުގައެވެ. އެ މެޗުގައި އޭނާގެ ފައިން ބޮސްނިއާގެ ތާރިކް މުހަރެމޮވިޗްގެ ފަޔަށް އެރުމާ ގުޅިގެން ދެއްކި ރަތް ކާޑާއެކު އޮޓޮމެޓިކް އެއް މެޗުގެ ސަސްޕެންޝަނެއް އައެވެ. ނަމަވެސް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން މި ސަސްޕެންޝަން މިހާރު ވަނީ އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަކާއެކު ފަސްކޮށްފައެވެ.
ބަލޮގަން ބޮސްނިއާގެ ކުޅުންތެރިއާ އަށް ފައުލް ކުރަނީ، މި ފައުލާއި ގުޅިގެން ދެެއްކި ރަތްކާޑަށް އޭނާގެ މައްޗަށް އައި ސަސްޕެންޝަން ފީފާއިން ވަނީ ފަސްކޮށްދީ، ބެލްޖިއަމް މެޗުގައި ކުޅުމަށް ފުރުސަތުދީފައި، ފޮޓޯ: ގެޓީ އިމޭޖްސް
ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މެޗު ސަސްޕެންޝަން ތަންފީޒުކުރުން އެއް އަހަރު ދުވަހުގެ ޕްރޮބޭޝަން މުއްދަތަކަށް ވަނީ ފަސްކުރެވިފައި" ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ބަލޮގަންގެ ފަރާތުން މިފަދަ އިތުރު ކަމެއް ފެނިއްޖެނަމަ، މިހާރު ފަސްކުރި ސަސްޕެންޝަން އިއާދަވާނެ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.
މި ނިންމުމާ ގުޅިގެން އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިޗް ބުނީ، ބަލޮގަން ކުރި ފައުލަކީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި، މުބާރާތުގައި އެއަށްވުރެ މާ ނުރައްކާތެރި ފައުލްތައް ފެނިފައިވާ ކަމަށެވެ. އެމެރިކާގެ ޑިފެންޑަރު ކްރިސް ރިޗަޑްސް ބުނި ގޮތުގައި، މި ޚަބަރު ސޯޝަލް މީޑިއާއިން ފެނުމުން ފުރަތަމަ ގަބޫލުކުރެވުނީ އެއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ދޮގު ޚަބަރެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ފީފާގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.
"އިންސާފު ގާއިމުކޮށްދީ، ނިންމުން ބަދަލުކުރި ކަމަށްޓަކައި ފީފާއަށް ޝުކުރު ދަންނަވަން" ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފަވެއެވެ.
މީގެ ކުރިންވެސް ފީފާއިން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންގެ ސަސްޕެންޝަންތައް މިގޮތަށް ފަސްކޮށްދީފައެވެ.
ބަލޮގަންއަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލެންޑަން ޑޮނޮވަން ހެދި ރެކޯޑާ އެއްވަރުކޮށް، އެމެރިކާގެ ތާރީޚުގައި ވޯލްޑް ކަޕެއްގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އެމެރިކާ މިހާރު އަމާޒު ހިފާފައިވަނީ 2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!