ރާއްޖޭގެ ނާޒުކު ތިމާވެށްޓަށާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރުއޮތް ޕްލާސްޓިކުގެ ބާވަތެއް ކަމަށްވާ "ޕްލާސްޓިކް ނާޑްލްސް" ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގަމުންދާކަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ހދ. ހަނިމާދޫގެ ގޮނޑުދޮށަށް މި ބާވަތުގެ ނާޑްލްސް ލައްގާފައިވޭތޯ ބަލައިދިނުމަށް އެދި އީއާރުއޭ އިން ވަނީ ހަނިމާދޫ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ.

Ad
rt

އީޕީއޭ އިން ފޮނުވި ސިޓީ ހަނިމާދޫ ކައުންސިލުން އާންމުކޮށްފައިވާއިރު، އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ތަކެއްޗަކީ 1-5 މިލިމީޓަރުގެ ހުދު ނުވަތަ ޓްރާންސްލޫސެންޓްކޮށް މުގު ފުށްތަކެއްގެ ސިފައިގައި ހުންނަ، ޕްލާސްޓިކް ތަކެތި އުފެއްދުމަށް ބޭނުންކުރާ ޕްރީޕްރޮޑަކްޝަން ޕްލާސްޓިކްކޮޅު ތަކެކެވެ. މި ނާޑްލްސްތަކަކީ ކަނޑުގެ އޮއިވަރާއި ވަޔާއެކު ދުރަށް ދަތުރުކުރާ އަދި ތިމާވެށީގައި ނެތި ފަނާނުވެ ގިނަ ދުވަސްތަކެއް ވަންދެން ހުންނަ އެއްޗެކެވެ.

މި ޕްލާސްޓިކް ނާޑްލްސްތައް ކަނޑަށް ދޫވެފައިވަނީ ދެ ހާދިސާއެއްގެ ސަބަބުން ކަމަށް އީއާރުއޭ އިން ފާހަގަކުރެއެވެ. އެއީ މެއި 2021 ގައި ސްރީލަންކާގެ ކޮލަމްބޯ ކޯސްޓް ކައިރިއަށް އަލިފާން ރޯވެ އަޑިއަށް ދިޔަ "އެކްސް-ޕްރެސް ޕާލް" އިން ލީކުވި 1680 މެޓްރިކް ޓަނުގެ ނާޑްލްސް އާއި، އޮކްޓޯބަރ 2023 ގައި އިންޑިއާގެ ކެރެލާ ކޯސްޓް ސަރަހައްދުން "އެމް.އެސް.ސީ އެރީސާ" އަޑިއަށް ގޮސް ރީލީޒްވި 22 ޓަނުގެ ނާޑްލްސްއެވެ.

މި ދެ ހާދިސާގައި ދޫވި ޕްލާސްޓިކްގެ ސަބަބުން އިންޑިއާ އާއި ސްރީލަންކާގެ ގޮނޑުދޮށްތަކުގެ ބޮޑު ބައެއް ވަނީ ތަޣައްޔަރުވެފައެވެ. މޫސުން ބަދަލުވާ ދުވަސްވަރު އޮއިވަރާއެކު މި ތަކެތި ރާއްޖޭގެ ގޮނޑުދޮށްތަކަށް ލެއްގުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭތީ އީއާރުއޭ އިން ދަނީ ދިރާސާތައް ކުރަމުންނެވެ. މިހާތަނަށް ކުރެވުނު ދިރާސާތަކުން ރާއްޖޭގެ ބައެއް ރަށްތަކުން މި ބާވަތުގެ ނާޑްލްސް ފެނިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މިކަމަކީ ރާއްޖޭގެ ނާޒުކު ތިމާވެށްޓަށް ބޮޑު ނުރައްކަލެއްގެ އިތުރުން، ކަނޑުގެ ދިރުންތަކަށާއި، ފަތުރުވެރިކަމާއި މަސްވެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިންސާނުންގެ ސިއްހަތަށްވެސް މީގެ ސަބަބުން ނުރައްކާވުމުގެ ފުރުސަތު އޮތްކަން އީއާރުއޭ އިން ފާހަގަކުރެއެވެ.

އީއާރުއޭ އިން ވަނީ ރަށްރަށުގެ ގޮނޑުދޮށްތަކަށް މިތަކެތީގެ އަސަރު ކޮށްފައިވާ މިންވަރު ދެނެގަތުމަށްޓަކައި ރަށު ކައުންސިލްތަކުގެ އެއްބާރުލުމަށް އެދިފައެވެ. މިގޮތުން ރަށްރަށުގެ ގޮނޑުދޮށުން މިބާވަތުގެ ޕްލާސްޓިކް ފެންނަން ހުރިތޯ ބަލައި، އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކަމާއި ގުޅިގެން އެ އޮތޯރިޓީން މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅައިދިނުމަށް ވެސް ވަނީ އެދިފައެވެ.