ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިކުއެޑޯ ބަލިކޮށް، މުބާރާތުގެ ގަދަ 16 އިން މެކްސިކޯ ޖާގަ ހޯދުމާ ގުޅިގެން މެކްސިކޯ ސިޓީގައި ކުރިއަށްދިޔަ ބޮޑު އުފާފާޅުކުރުންތަކުގެ ތެރޭގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުދަ ދުވަހު ހާމަކޮށްފިއެވެ.
މެކްސިކޯ ސިޓީގެ ހެލްތު ސެކްރެޓޭރިއަޓުން އެކްސްގައި ބުނެފައިވާ ގޮތުގައި، އަންގާރަ ދުވަހުގެ ރޭ އެތައް ހާސް ބަޔަކު އެއްވި މަޝްހޫރު 'އެންޖެލް އޮފް އިންޑިޕެންޑެންސް' ބިނާ ކައިރިން ދެ އަންހެނުންނާއި ފިރިހެނަކު ހޭނެތިފައި އޮއްވާ ފެނިފައިވެއެވެ. މަރުވި މީހުންގެ އުމުރަކީ 48، 44 އަދި 19 އަހަރެވެ. މި ތިން މީހުންވެސް މަރުވީ ނޭވާ ހާސްވެގެން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް، އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން، މެކްސިކޯ ސިޓީގެ ހެލްތު ސެކްރެޓަރީ ނަދީން ގަސްމަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އުމުރުން 30 އަހަރުގެ އެހެން ފިރިހެނަކު ފިިޓުޖެހި، ލޭލައިގެން ދިއުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެކްސިކޯ ސިޓީގެ މޭޔަރު ކްލާރާ ބްރުގާޑާ ވިދާޅުވީ، ހޭނެތިފައި ތިބި މީހުންގެ ރިޕޯޓު ލިބުމާއެކު އެމަޖެންސީ ޓީމުތަކުން ހަރަކާތްތެރިވި ކަމަށެވެ. ނަމަވެސް އެ ޓީމުތަކަށް ދެވުނުއިރުވެސް އެ މީހުން މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މޭޔަރު ވަނީ "ޒިންމާދާރުކަމާއެކު އަދި އެކަކު އަނެކަކަށް އަޅާލައިގެން" އުފާފާޅުކުރުންތައް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރައްވާފައެވެ.
އަންގާރަ ދުވަހުގެ ރޭ މެކްސިކޯ ސިޓީގެ މަގުތަކަށް ގާތްގަނޑަކަށް 1.4 މިލިއަން މީހުން އެއްވި ކަމަށް މޭޔަރު ވިދާޅުވިއެވެ. މީހުން ގިނަވެ ތޮއްޖެހުމުގެ ސަބަބުން ސިޓީގެ މެދުތެރެއަށް އިތުރަށް މީހުން ނުދިއުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އުފާފާޅުކުރުންތަކުގެ ތެރޭގައި ބައެއް މީހުން ބޯކޮށް ބަނގުރާ ބޮމުންދިޔައިރު، މީހުން ގިނަކަމުން ބައެއް ސަރަހައްދުތަކުގައި ހަރަކާތްތެރިވުމަށްވެސް ވަނީ ދަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!