އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، އެކަމުގައި ބައިވެރިވި ކަމަށް ބުނެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ.
އެ މައްސަލާގައި ކްރިިމިނަލް ކޯޓުން ކުރިން ވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައިފަ އެވެ. އަދި އަދަބު ކަނޑައެޅުމަށް މިއަދު ބޭއްވި މަޖިލީހުގައި ކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުން ކަމަށް ވިޔަސް, މާވިންގެ މައްޗަށް އަދަބު ކަނޑައެޅީ އަދަބުގެ ދަރަޖަ މަތި ކުރުމަށްފަހު އެވެ. އެއީ އޭނާ ކުށްކުރި ގޮތަށް ބެލުމަށްފަހު ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ބަންދުގައި ހުއްޓާ މާވިން އިސްލާމްވެ އަދި އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކޯޓަށް އޮތީ އަންގައިފަ އެވެ.
އެ މައްސަލާގައި މާވިން 25 އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު, އެ މައްސަލާގައި ދެން ދައުވާލިބޭ ލަމްހާގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކުރިން އޮތީ ނިންމައިފަ އެވެ. އަދި އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން ވެސް މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!