ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމްގެ ހަތަރުވަނަ ބުރު ނިންމައި، 82 ފަރާތަކުން ރޭ ސަނަދު ހާސިލްކޮށްފިއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އިން ބުނިގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމެވެ.

Ad
rt

މީގެ އިތުރުން، ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.

ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީން ކުރުމުގެ ހަތަރު ވަނަ ބުރު ނިންމުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 600 އަށް ވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ހޯދާފައެވެ.

ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް ޚާއްޞަ މަހާސިންތާއެއް

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންނާއި އިމާމުން އަދި ޙާފިޒުންނަށް ޚާއްޞަ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ.

ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީން ކުރުމުގެ ހަތަރު ވަނަ ބުރު ނިންމުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި މަހާސިންތާގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ އަށް މިހާރު ވަނީ ދައުވަތު އަރުވާފައެވެ.

ސަރުކާރުގެ އަމާޒަކީ ޖުމްލަ 1,000 ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ޙާފިޒުން އުފެއްދުމެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި މިހާރު ތިބި ޙާފިޒުންގެ އަދަދު ވަނީ 310 އަށް އަރާފައެވެ. ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ކްލާސްތައް އިތުރުކުރުމާ ގުޅިގެން މިވަގުތު ވެސް 2,000 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ޤުރްއާން ހިފްޒު ކުރަމުންނެވެ.