ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައިވާތީ، އޭނާ ހޯދައި ހައްޔަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
މި މައްސަލައާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އިޒްޔާން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.
އޭނާ ރާއްޖެއިން ފުރައިގެން ދިޔަ ފަހުން މިހާތަނަށް އުޅޭ ވަކި ތަނެއް އެނގިފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އިންޓަޕޯލް ރެޑް ނޯޓިސްއަކީ ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް ހޯދައި، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށް ނެރޭ ނޯޓިސްއެކެވެ. މިފަދަ ނޯޓިސްތައް ނެރެނީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި އާންމުކުރުމަށެވެ.
ފުލުހުން ދަނީ ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން އިޒްޔާން ހޯދައި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!