ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ މިއަހަރުގެ ބޮޑު ގާލާ ސެރެމަނީ ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ޑެސްޓިނޭޝަން ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ 2017 ވަނަ އަހަރަށްފަހު ޑަބްލިއުޓީއޭގެ ވީއައިޕީ ރަސްމިއްޔާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރު 2026 ގައެވެ. މި ތާރީޚަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ދިމާވާ ގޮތަށް ވަރަށް ބޮޑަށް ރޭވިގެން ކަނޑައަޅާފައިވާ ތާރީޚެކެވެ. މިފަހަރުގެ ހަފްލާ ފާހަގަކުރެވިގެންދާނީ އޭޝިއާ، އޯޝޭނިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ވަނަތައް އެއްކޮށް އިއުލާނުކުރާ ބޮޑު "ބްލޮކްބަސްޓަރ" ރީޖަނަލް ފޯމެޓެއްގެ ގޮތުގައެވެ.
ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ބޮޑު ޕްލެޓްފޯމް
އާންމުގޮތެއްގައި ކޮންމެ ސަރަހައްދެއްގެ އެވޯޑްތައް ވަކިން ބޭއްވި ނަމަވެސް، މިފަހަރު އިންޑިއާ ކަނޑާއި، އޭޝިއާ އަދި އޯޝޭނިއާގެ ސަރަހައްދީ ހަފްލާތައް ކްރޮސްރޯޑްސްގައި އެއްކޮށްލުމުން މިއީ ވަރަށް ވަރުގަދަ ޕްލެޓްފޯމަކަށް ވެގެންދާނެއެވެ. މި ހަފްލާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާއި، ސަރުކާރުގެ ވަޒީރުންނާއި، ޓޫރިޒަމް ބޯޑުތަކުގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން އެންމެ 15 މިނެޓުން ދެވޭ މި މަންޒިލަށް ޖަމާވާނެއެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލްގެ ލަގަބު މިހާރުވެސް ދަމަހައްޓަމުން އަންނަ ރާއްޖެއަށް، މި ހަފްލާގެ ސަބަބުން ރާއްޖޭގެ ލަގްޒަރީ އިންވެސްޓްމަންޓްތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރާ މަސައްކަތްތައް ދުނިޔެއަށް ދައްކާލުމަށް ބޮޑު ފުރުސަތެއް ލިބިގެންދާނެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް
1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގެ "އޮސްކާ" ގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެކެވެ. މިއީ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ހުރިހާ ދާއިރާއަކުން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކޮށް ދެވޭ ބައިނަލްއަގުވާމީ ޝަރަފެކެވެ. މި އެވޯޑުގެ ނޮމިނީން ކަނޑައަޅަނީ ތަޖުރިބާކާރުންގެ ޕެނަލަކުންނެވެ. އަދި ވަނަތައް ހޮވަނީ ދާއިރާގެ ފަންނީ މީހުންނާއި އާންމުންގެ ވޯޓުންނެވެ.
ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގާލާ ސެރެމަނީތައް ބޭއްވުމަށްފަހު، އަހަރުގެ ފަހުކޮޅު ބާއްވާ ގްރޭންޑް ފައިނަލްގައި ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު މަންޒިލާއި އެއާލައިން ފަދަ ވަނަތައް ހޮވައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ތަށި ހާސިލްކުރުމަކީ އެ ބްރޭންޑެއްގެ ނުވަތަ މަންޒިލެއްގެ ފެންވަރު ދުނިޔޭގެ ފެންވަރުގައި ސާބިތުކޮށްދޭ އެންމެ ބޮޑު ހެއްކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!