ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގައި ހަނިމާދޫ އާއި މަނަދޫގެ ފަހުމެޗު 3-2 ލަނޑުން ހަނިމާދޫ ކާމިޔާބުކޮށްފިއެވެ.
މަނަދޫގައި މިއަދު ކުޅުނު މި މެޗުގައި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލް ހުޅުވާލެވިފައެއްނުވެއެވެ. މި ހާފުގައި ދެ ޓީމުން ހަމަހަމަކުޅުމެއް ކުޅެފައިވާއިރު ދެ ޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބި ވަނީ ނާކާމިޔާބުވެފައެވެ.
ދެވަނަ ހާފު ފަށައި ދެވަނަ މިނިޓްގައި، މެޗުގެ 46 ވަނަ މިނިޓްގައި ހަނިމާދޫގެ ޖޯޒީ ނަންބަރު 5 މުހައްމަދު ޚާލިދު (ކައްޓާ) ބޯޅަހިފައިގެން މަނަދޫ ގޯލް އޭރިއާތެރެއަށް ވަދެގެން ދަނިކޮށް، މަނދޫގެ ޖޯޒީ ނަންބަރު 17 އަހްމަދު އަލީ (މުލާ) ކުރި ފައުލަކާއި ގުޅިގެން ހަނިމާދޫ އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ މަނަދޫގެ ގޯލްގެތެރެއަށް ވައްދާލައި ހަނިމާދޫއަށް ލީޑު ނަގައިދިނީ ވެސް މުހައްމަދު ޚާލިދެވެ.
މަނަދޫއިން ނަތީޖާ ހަމަހަމަކުރީ ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން ގޯލް ކުރިމަތިން ލިބުނު ހިލޭ ޖެހުމެއް ގޯލްގެތެރެއަށް ވައްދާލައިގެންނެވެ. މި ހިލޭޖެހުމުން މަނަދޫ އަށް ލީޑު ހަމަހަމަކޮށްދިނީ ޖޯޒީ ނަންބަރު 17 އަހްމަދު އަލީ (މުލާ) އެވެ.
ހަނިމާދޫއިން ދެވަނަ ފަހަރަށް މެޗުގެ ލީޑުނެގި ލަނޑު ޖަހައިދިނީ 78 ވަނަ މިނިޓްގައި ޖޯޒީ ނަންބަރު 10 ނާއިލް ޔޫސުފެވެ. އެ ލަނޑަށްފަހު ހަނިމާދޫ ލީޑު ފުޅާކުރި ލަނޑު ޖެހީ 84 މިނިޓްގައެވެ. އެއީ ނާއިލް ދިން ޕާހަކުން ޖޯޒީ ނަންބަރު 28 މުހައްމަދު ޒަޔާން ޖަހައިދިން ލަނޑެކެވެ.
މަނަދޫގެ ދެވަނަ ލަނޑުވެސް ޖަހާފައި ވަނީ، ހިލޭ ޖެހުމަކުން ފުރަތަމަ ލަނޑުވެސް ޖަހއިދިން ޖޯޒީ ނަންބަރު 17 އަހްމަދު އަލީ (މުލާ) އެވެ. އެއީ ހަނިމާދޫގެ ޕެނަލްޓީ އޭރިއާ ރޮނގު ކައިރިން ހިލޭ ޖެހުން ފޮނުވާލައިގެން 86 ވަނަ މިނިޓްގައި މުލާ ޖަހައިދިން ލަނޑެކެވެ.
ހަނިމާދޫ އާއި މަނަދޫ އަށް ލީގު ނިމުނުއިރު، ޒޯން އެކެއްގެ ޗެމްޕިއަން ގޮތުގައި ލީގުގެ ކޮލިފައިން އިން ޖާގަލިބުނު ހަނިމާދޫ ވަނީ މަނަދޫ ދެމެޗުން ބަލިކޮށް، ރަށުގައި ކުޅުނު މެޗުން އޭދަފުށި ބަލިކޮށް ތިން މޮޅާއެކު ނުވަ ޕޮއިންޓް ހޯދާފައެވެ. ހަނިމާދޫ ބަލިވެފައި ވަނީ ދިއްދޫ އާއިއެކު ހޯމް އަދި އަވޭ މެޗުންނާއި އޭދަފުށީގައި ކުޅުނު މެޗުން އޭދަފުށި އަތުންނެވެ.
މި ލީގުގައި ޒޯން ދެއެއްގެ ޗެމްޕިއަން ގޮތުގައި ލީގުގެ ކޮލިފައިން އިން ޖާގަ ލިބުނު މަނަދޫ އަށް އެއްވެސް މެޗެއް ކާމިޔާބުކުރެވިފައެއްނުވެއެވެ.
މި މެޗާއި ހަމައަށް އައިއިރުވެސް މި ރީޖަނަލްގެ ލީގު ޗެމްޕިއަންކަން ދިއްދޫ އަށް އޮތީ ކަށަވަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!