މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 7 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

މި ކޭސްތަކާ ގުޅިގެން މިހާތަނަށް 74 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

Ad
rt

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނެއެވެ. މިދުވަސްވަރަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވެސް ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރެއްކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަވެއެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. މިއީ ކޯވިޑް-19، އެބޯލާ، ޓީބީ އަދި ފުލޫ ފަދަ ބަލިތަކަށްވުރެވެސް ހަލުވިކޮށް ފެތުރޭ ބައްޔެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަމުގައި ރަތްބިހިތަކެއް ނެގުން ހިމެނެއެވެ. މީގެއިތުރުން ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޞިއްޙީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. "އެއްވެސް ފަރާތަކުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް" އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ބަލީގެ އަލާމާތްތަކަށް ސަމާލުވެ، އަވަހަށް ފަރުވާ ހޯދުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މީސްލްސް ނުވަތަ ހަމަބިއްސަކީ ދުނިޔޭގައި އެންމެ ފަސޭހައިން ފެތުރޭ ބަލިތަކުގެ ތެރެއިން އެއް ބައްޔެވެ. މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މީސްލްސް/ރުބެއްލާ ވެކްސިންގެ ދެ ޑޯޒު މަދުވެގެން 95 އިންސައްތަ މީހުންނަށް ދޭންޖެހެއެވެ. ނަމަވެސް 2023 ވަނަ އަހަރު ދުނިޔޭގެ ކުޑަކުދިންގެ ތެރެއިން 83 އިންސައްތަ ކުދިންނަށް އާންމު ސިއްޙީ ޚިދުމަތްތަކުގެ ތެރެއިން މި ވެކްސިންގެ ފުރަތަމަ ޑޯޒު ދެވިފައިވެއެވެ. މިއީ 2022 ވަނަ އަހަރުގެ ނިސްބަތާ އެއްވަރު އަދަދެކެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިން މި ނިސްބަތް ހުރީ 86 އިންސައްތައިގައެވެ.

ޑަބްލިއު.އެޗް.އޯގެ ވެރިޔާ ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވެފައިވަނީ މީސްލްސް ވެކްސިނަކީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކޮށްދީފައިވާ ވެކްސިން ކަމަށެވެ. އަދި އިތުރު ފުރާނަތައް ސަލާމަތްކުރުމަށާއި މި ނުރައްކާތެރި ވައިރަސްއިން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުން ރައްކާތެރިކުރުމަށްޓަކައި، ކޮންމެ މީހަކު ދިރިއުޅޭ ތަނަކާ ނުބަލައި، އިމިއުނައިޒޭޝަންގައި އިންވެސްޓްކުރަން ޖެހޭ ކަމަށް އޭ ވިދާޅުވިއެވެ.