ރާއްޖޭގެ ކަނޑުމަހުގެ އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.

މި ނިންމުމާ ގުޅިގެން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ނިކް ލޯ ވިދާޅުވީ، މިއީ ބްރިޓިޝް ކަސްޓަމަރުންނާއި ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. މި ބަދަލާއެކު އިނގިރޭސިވިލާތުގެ ބާޒާރުގައި މަހުގެ އަގުތައް ހެޔޮވެ، ދިވެހި މަހަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.

Ad
rt

މި މުހިންމު ނިންމުމަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ވިދާޅުވީ، 20 މެއި 2026 އިން ފެށިގެން ކަނޑުމަހުގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ހޫނު މަރުހަބާއެއް ކިޔުއްވާ ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި ނިންމުމުގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

ރައީސް ވިދާޅުވީ މި ކާމިޔާބީން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުމާއި، ދެމެހެއްޓެނިވި ވިޔަފާރިއާއި އިގްތިސާދީ ކުރިއެރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތު ކަމަށެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ އަދި ޒިންމާދާރު މަސްވެރިކަމުގެ އުސޫލުތަކަށް އިސްކަންދޭ ގައުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިދިޔަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގަމުންއައި ޑިއުޓީ ކަނޑާލުމަށް ބާރުއެޅުއްވުމަށް ގިނަ މަޝްވަރާތަކެއް ކުރިއަށްގެންދަވާފައިވެއެވެ. ސަރުކާރުން ގެންދަވަނީ ދިވެހި މަހަށް ބޭރުގެ މާކެޓުތަކުގައި ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއިން ދެވަނައަށް އެންމެ ގިނައިން ކަނޑުމަސް ބޭރުކުރާ ޤައުމެވެ. އަދި އިނގިރޭސިވިލާތަށް ނުވަ ވަނައަށް އެންމެ ގިނައިން ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރަނީ ދިވެހިރާއްޖެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކުރިއެރުން ހޯދައިދިނުމުގައި އެހީތެރިވެދެއްވި އިނގިރޭސި ސަރުކާރަށާއި ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.