ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ފިލި ގައިދީއަކު، ފުލުހުން ކުރި މަސައްކަތުން އަލުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2026 މެއި 8 ވާ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މި މީހާ ފިލާފައިވަނީ ސިއްހީ ބޭނުމަކަށްޓަކައި އެ ރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން ބުނީ، އެމީހާ ފިލި ކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި، އޭނާ ހޯދައި މިހާރު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެމީހާ ފެނުނު ސަރަހައްދާއި، އޭނާ ބަންދުގައި ހުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބެލުމުގެ އިތުރުން، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!