ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ނުރައްކާތެރި "ހަންޓާ ވައިރަސް" ފެނިފައިވާއިރު، ރާއްޖެއަށް އެ ބަލީގެ ނުރައްކާ އޮތް މިންވަރު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ "އެމް.ވީ ހޮންޑިއަސް" ނަމަކަށް ކިޔާ ކްރޫޒް މަނަވަރަކުން މި ބަލި ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން ދަނީ މިކަން ވަރަށް ގާތުން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައިނުވާތީ، ރާއްޖެއަށް މި ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.
އެޗްޕީއޭ އިން ބުނީ މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.
މި ވައިރަސް އާއި ގުޅިގެން ޑަބްލިޔުއެޗްއޯ އިން ވަނީ ނުރައްކާ އޮތް ކަމަށް ބެލެވޭ 12 ގައުމަކަށް އެކަން އަންގައި ސަމާލުވުމަށް އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ސިންގަޕޫރު، ނިއުޒިލޭންޑް، ޑެންމާކް، ޖަރުމަނުވިލާތް، ނެދަލޭންޑްސް، ސެއިންޓް ކިޓްސް އެންޑް ނޭވިސް، ސްވިޑަން، ސްވިޒަލޭންޑް އަދި ތުރުކީވިލާތް ހިމެނެއެވެ.
އާޖެންޓީނާ އިން ފުރައިގެން ދަތުރުކުރި، ނެދަލޭންޑްސްގެ ދިދަ ޖަހާފައިވާ މި މަނަވަރުން މިހާތަނަށް ފަސް މީހަކަށް ހަންޓާވައިރަސް ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި މި ބަލީގައި ތިން މީހަކު މަރުވެފައިވާއިރު، އިތުރު އަށް މީހަކަށް ބަލިޖެހިފައިވާ ކަމަށް ޝައްކު ކުރެވެއެވެ. ބަލިޖެހުނު މީހުންނަށް ދަނީ ދެކުނު އެފްރިކާގެ އައިސީޔޫގައާއި ނެދަލޭންޑްސްގައި ފަރުވާ ދެމުންނެވެ. މިހާރު އެޓްލާންޓިކް ކަނޑުގެ ކޭޕް ވާޑޭ ސަރަހައްދުގައި އޮތް މި މަނަވަރުގައި ތިބި 20 އަށް ވުރެ ގިނަ ގައުމުތަކުގެ 147 މީހުން ވަނީ މޮނިޓަރިންގައެވެ.
ހަންޓާ ވައިރަސް އަކީ އާންމުކޮށް މީދާ ފަދަ ތަކެތީގެ ކާތަކެއްޗާއި، ކުޑަކަމުދާ ތަކެއްޗާއި ނަޖިހުގެ ޒަރީއާ އިން ފެތުރޭ ވައިރަހެކެވެ. ނަމަވެސް މިފަހަރު ފެނިފައިވާ "އެންޑީސް ވައިރަސް" އަކީ އިންސާނުންގެ ފަރާތުން އިންސާނުންގެ ގަޔަށް އެރުމުގެ ފުރުސަތު އޮތް ބާވަތެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ވަރުބަލިވުން، ގައިގައި ރިއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.
ޑަބްލިޔުއެޗްއޯ އިން ފާހަގަކޮށްފައިވާ ގޮތުގައި މިއީ ކޮވިޑް-19 ފަދައިން މުޅި މުޖުތަމައަށް ފެތުރޭނެ ބަލިމަޑުކަމެއް ނޫން ނަމަވެސް، ބަލިޖެހުނު މީހުންނާ ގާތުން ބައްދަލުވި މީހުންނަށް މި ބަލީގެ ނުރައްކާ އޮންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!