އީރާނާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އާދީއްތަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަން އެމެރިކާއިން އިސްރާއީލަށް އަންގާފައިވާ ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެފިއެވެ.

މި ނިންމުން ނިންމާފައި ވަނީ މަޝްވަރާތަކުން ނަތީޖާއެއް ނުކުމެދާނެތޯ އުފެދިފައިވާ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

Ad
rt

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް އާ ސުންގަޑިއެއް އަދި އިޢުލާނެއް ނުކުރެއެވެ. ނަމަވެސް، ފާއިތުވި ހަފުތާތަކުގައި އޭނާ ވަނީ ހަނގުރާމަ ހުއްޓާލުމަށް އެކި ތާރީޚުތައް ކަނޑައަޅައި، ތަކުރާރުކޮށް އެ ތާރީޚުތައް ފަސްކޮށްފައެވެ. މި މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ކުރިން ފެތުރިފައިވާ ރިޕޯޓުތަކުގައި ތަފާތު ގޮތްގޮތަށް މައުލޫމާތު ހުރިއިރު، ބައެއް ރިޕޯޓުތަކުން ބުނެފައިވަނީ މުއްދަތު އިތުރުކުރީ ތިން ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ކަމަށެވެ. ނަމަވެސް ކުރިން ޓްރަމްޕް ބުނެފައި ވަނީ މުއްދަތު އިތުރުކުރީ ވަކި މުއްދަތެއްނެތްގޮތަށް، އީރާނުން އެއްބަސްވެވޭ ހުށަހެޅުމެއް ހުށަހަޅަންދެން ކަމަށެވެ.

މިދަނޑިވަޅުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ކަނޑުގެ މަގުން އަޅާފައިވާ ބްލޮކޭޑް ދަމަހައްޓަމުންދާއިރު، އީރާނުން ވަނީ ހޯރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު ހިފަހައްޓައި، އެ ސަރަހައްދުގެ އުޅަނދުތަކަށް ބަޑީގެ ހަމަލާދީ ރައްދުދީފައެވެ. އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި އެމެރިކާގެ މަނަވަރު 'ޔޫ.އެސް.އެސް ޖޯޖް އެޗް.ޑަބްލިއު ބުޝް' ޕާޝިއަން ގަލްފާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް އެ މަނަވަރު ފޯރާނެ ކަމަށް ބެލެވެއެވެ.

މަޝްވަރާތަކަށް މަގުފަހިކުރުމުގެ ގޮތުން އީރާނުން ވަނީ މަރަން ހުކުމްކޮށްފައިވާ އަށް އަންހެން ކުށްވެރިން ދަންޖެހުން މަޑުޖައްސާލާފައެވެ.

"ވަރަށް އުފާވެރި ޚަބަރެއް! މިރޭ އީރާނުގައި މަރަން ހަމަޖެހިފައިވާ އަށް އަންހެން (ކުށްވެރިން) ދެން ނުމަރާނެކަން އަޅުގަނޑަށް ދެންމެ އެނގިއްޖެ" މިކަމާ ގުޅިގެން ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ބުނެފައި ވެއެވެ.

އަދި އޭނާގެ އެދުމަށް އިހުތިރާމް ކުރި ކަމަށްޓަކައި އީރާނުގެ ލީޑަޝިޕަށް ޝުކުރު އަދާކުރާކަމަށް ވެސް ބުނެފަވެއެވެ.

ޓްރަމްޕް ހާމަކުރި ގޮތުގައި، މި އަށް އަންހެނުންގެ ތެރެއިން ހަތަރު މީހަކު ވަގުތުން މިނިވަންކުރާނެއެވެ. އަދި އަނެއް ހަތަރު މީހުންނަށް އެއް މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީގެ ކުރިން ޓްރަމްޕް ވަނީ އެމީހުންނަށް ގެއްލުމެއް ނުދިނުމަށް އީރާނަށް ގޮވާލައްވައި، އެއީ މަޝްވަރާތަކަށް ލިބޭނެ ރަނގަޅު ފެށުމަކަށް ވާނެ ކަމަށް ބުނެފައެވެ.

އެ އަންހެނުންތަކަކީ އީރާނުގެ ވެރިކަން ވައްޓާލުމަށް އެމެރިކާއާއި އިސްރާއީލަށް އެހީތެރިވެ، އީރާނުގެ އެތެރޭގެ ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު މީހުންތެރެއިން ބަޔެކެވެ.

މަޝްވަރާތަކުގައި ދެ ފަރާތުންވެސް ހަރުކަށި އުސޫލުތަކެއް ގެންގުޅެމުންދާތީ، އާދީއްތަ ދުވަހުގެ ސުންގަޑިއާ ހަމައަށް ދާއިމީ އެއްބަސްވުމަކަށް އާދެވިދާނެ ކަމާމެދު އިސްރާއީލުގެ އޮފިޝަލުން ވަނީ ޝައްކު އުފައްދާފައެވެ.