ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާދަމާ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅުގެ އެންމެހައި ޚަރަދުތަކާއި މެހުމާންދާރީގެ ކަންކަން ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ. މި ދަތުރުފުޅާ ގުޅޭ އެންމެހައި އިންތިޒާމުތައް މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ހަމަޖެހިފައިވާ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.
މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ޚާއްޞަ މެހެމާންދާރީގައި 2024 ވަނަ އަހަރުގެ ކުރީކޮޅުވެސް ރައީސްގެ ދެކަނބަލުން ވަނީ ޢުމްރާގެ އަޅުކަން އަދާކުރައްވާފައެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފައިވެއެވެ.
މި ދަތުރުފުޅަކީ ސަޢޫދީ ސަރުކާރާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިއީ މި އަހަރުގެ ތެރޭގައި އެމަނިކުފާނު ޢުމްރާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!