ސުންނީ އަދި ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތްޖަމާޢަތުގެ ޞައްޙަ މަތިވެރި ޢަޤީދާގެ މަތީގައި، ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ޤަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބި ބައެއް ކަމަށެވެ. އަދި ދިވެހިންނަކީ އިސްލާމްދީނުގެ ވަސަޠީ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސުންނަތް ޖަމާޢަތުގެ މަތިވެރި ޢަޤީދާގައި ރާއްޖެ ދެމިއޮންނާނެ އިންޝާ ﷲ. މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި ޢިލްމުވެރިންގެ އަރިހުން އެދެން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް ވެސް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، އެކި ފިރުޤާތަކުގެ ޢަޤީދާތައް އޭގެ ޢިލްމީ ޙަޤީޤަތްތަކާ ޚިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢު ބައިބައިކޮށްލުމަށް ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މެސެޖު ނިންމަވާލައްވަމުން ވަޒީރު ވަނީ ފިރުޤާތަކުގެ ޢަޤީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ ޢިލްމުވެރިން ނޫނީ ވާހަކަ ނުދެއްކެވުމަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!