އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިން މިހާތަނށް ކާމިޔާބީ ހޯދިފައި ނުވާތީ "ނިންމުމުގެ ހަމަލާ" ދިނުމަށްކަމަށް ބުނެ، އެމެރިކާގެ ޕެންޓަގަންއިން ފައިނަލް ރޭވުންތަކެއް އެކުލަވާލައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

''އެކްސިއޯސް'' އާއި ބައިނަލްއަގުވާމީ މުހިންމު ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، މިހާރު ކުރިއަށްދާ "އޮޕަރޭޝަން އެޕިކް ފިއުރީ" ވަރަށް އަވަހަށް ބޮޑު އެއްގަމު އޮޕަރޭޝަނަކަށް ބަދަލުވެގެންދާނެއެވެ. މި އާ ރޭވުމުގެ ދަށުން ބޮން އެޅުމުގެ އަމާޒުތައް ފުޅާކޮށް، އީރާނުގެ މުހިންމު ސަރަހައްދުތަކަށް ސީދާ ސިފައިން ބޭލުމަށް ވަނީ ނިންމާފައެވެ.

Ad
rt

"ނިންމުމުގެ ހަމަލާ" ގެ މައިގަނޑު ހަތަރު އަމާޒު

ވައިޓް ހައުސް އާއި ޕެންޓަގަންގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ހަތަރު މައިގަނޑު ފިޔަވަޅެއް އެޅުމަށް ވަނީ ކަނޑައަޅާފައެވެ. ފުރަތަމަ ކަމަކީ އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް ޖަޒީރާ ހިފުމެވެ. މީގެ ބޭނުމަކީ އީރާނުގެ ސަރުކާރަށް ލިބޭ އާމްދަނީ މުޅިން ހުއްޓުވާލުމެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އީރާނުން މިހާރުވެސް ދަނީ އެ ރަށުގައި މަޅިތައް ޖަހައި، ދިފާއީ މިސައިލްތައް ހަރުކޮށް ތައްޔާރުވަމުންނެވެ.

ދެވަނަ އަމާޒަކީ ހޯރްމުޒް ކަނޑުއޮޅީގެ މެދުގައި އޮންނަ ލާރަކް ޖަޒީރާ ހިފުމެވެ. މި ރަށަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބައިނަލްއަގުވާމީ އުޅަނދުތަކަށް ހުރަސްއެޅުމަށް ބޭނުންކުރާ މަރުކަޒެކެވެ. ތިންވަނަ ކަމަކަށް އޮތީ އަބޫ މޫސާ އާއި ގްރޭޓަރ/ލެސަރ ތުންބްސް ޖަޒީރާތައް ހިފުމެވެ. މި ޖަޒީރާތައް ހިފައި ޔޫ.އޭ.އީ އާ ހަވާލުކުރުމަކީ ސަރަހައްދީ ބާރުވެރިކަން ދެމެހެއްޓުމަށް އެމެރިކާ ކުރާ ކަމެކެވެ.

ހަތަރުވަނަ ފިޔަވަޅެއްގެ ގޮތުން އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ވަރުގަދައަށް ބޮން އެޅުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އިންޖީނުގެތަކާއި، ތެޔޮ ސާފުކުރާ ތަންތަނާއި ކަރަންޓު ގްރިޑްތައް ހިމެނެއެވެ.

އެއްގަމު ސިފައިންގެ ބޮޑު ހަރަކާތެއް

މި އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން، އިރާގު ހަނގުރާމައަށްފަހު އެމެރިކާގެ ސިފައިން އެންމެ ގިނަ އަދަދަކަށް މެދުއިރުމައްޗަށް ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން 82 ވަނަ އެއަރބޯން ޑިވިޜަންގެ 2,000 ޕެރަޓްރޫޕަރުންނާއި، މެރިން އެކްސްޕެޑިޝަނަރީ ޔުނިޓްތަކުގެ 5,000 ސިފައިން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ސިފައިން ފައިބައި، އެތަންތަނުގައި ހުރި ޔުރޭނިއަމް އަތުލައިގަތުމަށް "ނިއުކްލިއަރ ގާޑް" ގެ ނަމުގައި ޚާއްސަ މިޝަނެއް ހިންގުމަށްވެސް ދަނީ މަޝްވަރާ ކުރެވެމުންނެވެ.

އިސްތިރާތީޖީ ސުންގަޑި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ދީފައިވާ އެންމެ ފަހުގެ ސުންގަޑިއަކީ މިއަދު، 26 މާރިޗު ކަމަށް ކަނޑައަޅުއްވާފައެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ވިދާޅުވީ، މިއަދުގެ ނިޔަލަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނަށް ދުވަހަކުވެސް ނުދެކޭ ފަދަ ބިރުވެރި އަދި ވަރުގަދަ ހަމަލާތަކެއް ކުރިމަތިވާނެ ކަމަށެވެ. މުޅި ދުނިޔެ މިހާރު އިންތިޒާރު ކުރަމުންދަނީ މި ސުންގަޑި ހަމަވުމުން ދެން ވާނެ ގޮތަކަށެވެ.