ގިރާވަރުފަޅުން ބިން ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ނިންމައި، ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

Ad
rt

"އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ 30 ޖޫން 2026 ގައެވެ.

މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލް އާއެވެ. މި މަސައްކަތް އަވަސްކުރުމުގެ ގޮތުން ހާއްސަ ދެ ޑްރެޖަރެއް ބޭނުންކުރަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.

ގިރާވަރުފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު، 1,250 އަކަފޫޓުގެ 2,605 ޕްލޮޓާއި، 1,650 އަކަފޫޓުގެ 1,213 ޕްލޮޓް ހިމެނެއެވެ. މީގެ އިތުރުން 2,050 އަކަފޫޓުގެ 253 ޕްލޮޓާއި 2,450 އަކަފޫޓުގެ އެއް ޕްލޮޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހުގައެވެ.