ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި އިރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚަތީބު އަވަހާރަކޮށްލާފައިވާކަން އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ކަށަވަރުކޮށްދެއްވައިފިއެވެ. މިއީ އެންމެ 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން އަވަހާރަކޮށްލި އިރާނުގެ ތިންވަނަ އިސް އޮފިޝަލެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް މި ޚަބަރު އިއުލާނުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިރާނުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، އަންގާރަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އިރާނުގެ ސެކިއުރިޓީ ޗީފް އަލީ ލާރިޖާނީ އާއި ބަސީޖް ފޯސްގެ ވެރިޔާ ޣުލާމްރިޒާ ސުލައިމާނީ ވެސް ވަނީ އަވަހާރަކޮށްލާފައެވެ.
ރައީސް ޕެޒެޝްކިއަން ވަނީ އިސްރާއީލުގެ މި "ފިނޑި" އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން ގައުމަށް ބޮޑު ހިތާމައެއް ލިބުނު ނަމަވެސް، އަވަހާރަކޮށްލެވުނު ބޭފުޅުން ދެއްކެވި މަގުގައި އިރާނުން ކުރިއަށްވުރެ ވަރުގަދަކޮށް ދެމިއޮންނާނެއެވެ.
އިސްރާއީލުގެ އަސްކަރީ މާހިރުން ބުނާ ގޮތުގައި، އަވަހާރަކޮށްލެވުނު އިންޓެލިޖެންސް މިނިސްޓަރު ޚަތީބަކީ އިރާނުގެ އައު ރޫހީ މުރްޝިދު މުޖްތަބާ ޚާމަނާއީގެ ވަރަށް އިތުބާރު ހުރި އަދި ގާތް ބޭފުޅެކެވެ. އިސްރާއީލުން ބުނާ ގޮތުގައި މި ބޭފުޅުންނަށް ހަމަލާދީފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެއްކުރި މައުލޫމާތުގެ އެހީގައެވެ.
މީގެ އިތުރުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިރާނުގެ އިސްވެރިން ފެންނަ ހިސާބުން، ވަކިވަކި ހުއްދައަކަށް ނުބަލައި އަވަހާރަކޮށްލުމުގެ ފުރިހަމަ ބާރު އެ ގައުމުގެ އަސްކަރިއްޔާއަށް ދީފައެވެ.
އަވަހާރަކޮށްލެވުނު ޚަތީބަކީ އިރާނުގެ ދީނީ އަދި ސިޔާސީ ދާއިރާގައި ނުފޫޒުގަދަ، "ހުއްޖަތުލް އިސްލާމް" ގެ ލަގަބު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ އިރާނުގެ އިންޓެލިޖެންސް ނިޒާމުގެ އެންމެ މުހިންމު އެއް ތަނބެވެ. އެހެންކަމުން އޭނާ އަވަހާރަކޮށްލުމަކީ އިރާނުގެ ސަރުކާރަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިރާނުގެ އިސްވެރިންގެ ތެރޭގައި ހިމެނޭ އަލީ ލާރިޖާނީ އާއި ޣުލާމްރިޒާ ސުލައިމާނީގެ ޖަނާޒާ ބުދަ ދުވަހު ތެހެރާންގައި ވަނީ ބާއްވާފައެވެ. ލާރިޖާނީއަކީ އިރާނުގެ ޕާލަމެންޓުގެ ރައީސްކަން ކުރައްވާފައިވާ، އަދި ހުޅަނގުގެ ގައުމުތަކާއެކު ބޭއްވުނު ނިއުކްލިއާ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި، އިރާނުގެ ސިޔާސީ މަސްރަހުގައި ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!